ޕޯސްޓުން ރާއްޖެ ގެނައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން މިއަދު ވިދާޅުވީ މިތަކެތި އަތުލައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މި ތަކެތި ފެނިފައި ވަނީ ބެލްޖިއަމުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާފާސްކުރުމުގެ ތެރޭގައެވެ. މި ޕެކޭޖް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ދެ ޕެކެޓް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވި އެވެ.
ބަރުދަނުގައި ޕެކިނާއިއެކު 1.010 ކިލޯގްރާމް ހުރި މިތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި ތަކެތީގެ މަގުމަތީ އަގު 2،500،000 (ދެ މިލިއަން ފަސްލައްކަ) ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ލަފާކުރައްވާފައެވެ.
ކަސްޓަމްސްއިން އިން މިހާރު ވަނީ މި މައްސަލާގައި ޝާމިލްވާ މީހާއާއި، މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!