މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ކޯސްތަކެއް ށ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެ ކައުންސިލުން ވިދާޅުވީ، މިއީ އެ އަތޮޅުގެ މުވައްސަސާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ފެންވަރުމަތިކުރުމަށް ކުރިއަށް ގެންދާ ކޯސްތަކެކެވެ.
ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން 2023 ވަނަ އަހަރު މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެއް އަދި ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މިކަމާއި ގުޅިގެން 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ށ. އަތޮޅު ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ މިއީ 2013 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
"މިއީ ތަފާތު އެކި ކޮލެޖުތަކާ ގުޅިގެން އަޅުގަނޑުމެން ކުރިއަށް ގެންދާ ކަމެއް. ރަށްރަށުގެ ކައުންސިލާ، އަތޮޅު ކައުންސިލާ، ސްކޫލް މަދުރަސާ ފަދަ ތަންތަނުގަ ވަޒީފާއަދާކުރާ މީހުންނަކީ ތައުލީމީ ގާބިލު ބަޔަކަށް ހެދުން މަގުސަދަކީ." އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ ކޯސްތަކުގައި ބޮޑަށް ބަލަނީ ކިޔަވާ ދަރިވަރުންގެ އަތުން ނަގާ ފީ ވީހާވެސް ކުޑަ ކުރުމަށް ކަމަށާއި އެއީ އަތޮޅުގެ އެހެން ރަށްރަށުން ވެސް ދަރިވަރުން އައިސް އިތުރު ހަރަދެއް ކުރަން ޖެހޭނެތީ ކަމަށެވެ. އެގޮތުން ކޯހުގައި ކިޔަވައިދެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރާއި ހުރުމާއި ކެއުން އެ ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ދަރިވަރުންގެ އަތުން އެންމެބޮޑުކޮށްވެސް 2500 ރުފިޔާގެ ފީއެއް ނެގުމަށްފަހު، ބާކީ ބައި ކައުންސިލުން ދެއްކުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކޯހުގައި ކިޔަވައިދޭނެ ކޮލެޖު ކަނޑައަޅާނީ، ބައިވެރިވާ ކުދިންގެ އަދަދާއެކު ކޮލެޖުތަކަށް ފޮނުވުމަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އަމާޒު ހިފާފައިވަނީ އަންނައަހަރުގެ ޖެނުއަރީ އިންޓޭކު ގައި މި ކޯސްތައް ހިންގުމަށް ކަމަށެވެ.
މި ކޯސްތަކުގައި ބައިުވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން https://forms.office.com/pages/responsepage.aspx?id=bh8sE-4Yyk2WXGiCYR05egJCI3QIEW5FiyrIwfN-a3hUNTZWVlpXR1VaTVozRkZGRDFNSlY5WU1URy4u ލިންކްގައިވާ ފޯމު 2023 ޖަނަވަރީ 5 ގެ ކުރިން ފުރިހަމަކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފަ އެވެ.
ކޯސްތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ރަޖިސްޓްރީވެލައްވާ ފަރާތްތަކާއިއެކު ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!