މިދުވަސްވަރަކީ ދުބާއީއަށް މޫސުން ގޯސްވެ ވަރަށް ވިއްސާރަ ކުރާ ދުވަސް ވަރެކެވެ.

ޔޫއޭއީގެ ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީ (އެންސީއެމް) އިން އިއްޔެވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދުބާއީ އަށް ޔެލޯ އަދި އޮރެންޖް އެލާޓް ނެރެފައެވެ.

Ad
rt

އެއާއިއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ފަރުވާތެރިކަމާއެކު މަގުމަތީގައި ދުއްވާއެއްޗެހި ދުއްވުމާއި ފެންބޮޑުވާ ސަރަހައްދުތަކުން ދުރުހެލިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ސެންޓަރުން ބުނީ ފިނިހޫނުމިން އާންމު ދުވަސްތަކަށްވުރެއް ދަށްވާނެ ކަމަށެވެ.

ޔޫއޭއީގެ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާ ކޮށްފައިވާއިރު އެންމެ ތަފާތު ވީޑިއޯއެއް ހިއްސާކޮށްފައިވަނީ، ދުބާއީގެ ވަލީއަހުދު ޝައިޚް ހަމްދާން ބިން މުޙައްމަދު ބިން ރަޝީދު އަލް މަކްތޫމް އެވެ.

ދުބާއީގެ ވަލީއަހުދު ހިއްސާކުރެއްވި، ސީޖީއައި އެނިމޭޓެޑް ވީޑިއޯއިން ފެންނަނީ ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރުޖް ޚަލީފާގައި ބޮޑު ވިއްސާރަ ކުޑައެއް ހުޅުވޭ މަންޒަރެވެ.

ޑިޖިޓަލްކޮށް އެޑިޓްކޮށްފައިވާ މި ވީޑިއޯގައި ދުބާއީގެ އުޑުމަތި ބަނަކޮން ފެންނައިރު، ބުރުޖް ޚަލީފާގެ އެންމެ މަތީގައި ހުޅުވުނު ވިއްސާރަ ކުޑައިން އެއިމާރާތް ހިޔާވެގެން ދާތަން ފެނެއެވެ. ޓްރާންސްޕޭރެންޓް އެ ކުޑައިގައި ލިޔެފައިވަނީ #DubaiDestination އެވެ. އަދި ދުބާއީ ޑެސްޓިނޭޝަންގެ ލޯގޯ އެވެ.

އެ ވީޑިއޯ އިންސްޓަގްރާމް އެކައުންޓުގައި ޝާއިއު ކުރަމުން ޝެއިޚް ހަމްދާން ލިއުއްވާފައިވަނީ، “މިއީ އަހަރުގެ އެ ދުވަސްވަރު! #މައިދުބާއީ،” އަދި ކުޑަ އަކާއި ކްލައުޑް އިމޯޖީއެކެވެ.

View this post on Instagram

A post shared by Fazza (@faz3)

މީގެ 18 ގަޑިއިރު ކުރިން އާންމުކުރި މި ވީޑިއޯއަށް 708,198 އަށް ވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، މި ވީޑިއޯ ވަނީ މީސްމީޑިއާގައި ވައިރަލް ވެފައެވެ. މި ވީޑިއޯ ބެލި މީހުންގެ އަދަދު 10 މިލިއަނާއި މިހާރު ކައިރި ކުރެއެވެ.