މިއަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް 2022 ކާމިޔާބުކުރުމަށްފަހު، "3 ތަރި ޖެހި" އާޖެންޓީނާގެ އާ ޖާޒީ އަށް ޑިމާންޑު ބޮޑުވެއްޖެ އެވެ.
ކަލީޖްޓައިމްސްގައި ރިޕޯޓުކޮށްފައިވާގޮތުން ގަތަރުގައި ހުރި އެޑިޑާސްގެ ފިހާރަތަކުގެ ކުރިމަތީގައި ސަޕޯޓަރުންވަނީ މި ޖާޒީ ގަތުމަށް ސަފު ހަދައިގެން އެތައް އިރަކު ތިބެން ޖެހިފައިކަމަށެވެ.
ވޯލްޑް ކަޕްގެ ތިންވަނަ ތަށި އާޖެންޓީނާއަށް ހޯދައިދިން ތަރި ލިއޮނަލް މެސީގެ ހުވަފެން ފުރިހަމަވެފައިވާއިރު ސަޕޯޓަރުންގެ މެދުގައި އެންމެ ޑިމާންޑު ބޮޑުވެފައިވަނީވެސް މެސީގެ 10 ނަންބަރު ޖެހި ޖާޒީއަށެވެ.
ޖަރުމަނުގެ ކުޅިވަރު ހެދުން އުފައްދާ ކުންފުނި އެޑިޑާސްގެ ވެބްސައިޓުގައި އާޖެންޓީނާގެ ރަސްމީ ހުރިހާ ޖާޒީއެއް ވަނީ ވިކި ހުސްވެފަ އެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ކުރިން ވެސް އެ ކުންފުންޏަށް ޑިމާންޑާ އެއްވަރަށް އާޖެންޓީނާ ޖާޒީ އުފެއްދުމުގައި އުނދަގޫތަކެއް ކުރިމަތިވި އެވެ.

އެޑިޑާސް އިން ވަނީ އާޖެންޓީނާ ވޯލްޑް ކަޕް ކާމިޔާބުކުރުމާއި އެކު "ވިނިން އެޑިޝަން" ގެ ނަމުގައި ޓީޝާޓްއެއްވެސް ތައާރަފްކޮށްފަ އެވެ. އޭއެފްއޭ މޮނޮގްރާމް އާއި އެކު ތިން ތަރި ހިމަނާފައިވާއިރު، ތިން ސްޓްރިޕް އިން އާޖެންޓީނާގެ ދިދަގެ ކުލަތައް ރަމްޒުކޮށްދެ އެވެ. އާޖެންޓީނާ ޓީމު ގައުމަށް ދިއުމަށްފަހު އިންސްޓަގްރާމް ޕޯސްޓެއްގައި މެސީ ވެސް ޖާޒީ ލައިގެން ހުރިތަން ފެނިފައިވާއިރު، އެ ޕޯސްޓު ކުރިތާ ގަޑިއެއްހާއިރުގެ ތެރޭގައި ދުބާއީގައި ޓީޝާޓް ވިކި ހުސްވި އެވެ.

މޯލް އޮފް ދަ އެމިރޭޓްސްގައި ހުންނަ އެޑިޑާސް ފިހާރައިގެ ސޭލްސް ރެޕްރެޒެންޓޭޓިވް ބުނީ، ވިނިން އެޑިޝަންގެ ޓީޝާޓްތައް ވަރަށް އަވަހަށް ވިކި ހުސްވެފައިވާކަމަށާއި އަދިވެސް ޑިމާންޑް ވަރަށް ބޮޑުކަމަށެވެ.
އާޖެންޓީނާގެ ވިނިން އެޑިޝަން އަދި ތިންތަރި ޖެހި އެޑިޑާސް ބްރޭޏްޑުގެ އޮރިޖިނަލް ޖާޒީއެއް ހޯދުމަކީ އުނދަގޫކަމަށް ވެފައިވާއިރު މިބްރޭންޑްގެ ވަގު ކޮޕީ ޖާޒީއަށްވެސް ވަރަށް ޑިމާންޑު ބޮޑުކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ސެމީ ފައިނަލުގެ ކުރިން ދުބާއީއިން ވެސް ވަނީ އާޖެންޓީނާގެ ޖާޒީތައް ވިކި ހުސްވެފަ އެވެ.
އެޑިޑާސްގެ އައުޓްލެޓްގައި "ވިނިން އެޑިޝަން" ޓީޝާޓްގެ އަގަކީ 582.79 ރުފިޔާ އެވެ. ގިނަ ބަޔަކަށް އެ ޓީޝާޓަކީ ހަނދާނީ އެއްޗެކެވެ.

އާޖެންޓީނާ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު، ތިން ތަރި ހިމެނޭ ރަސްމީ ޖާޒީގެ އަޕްޑޭޓް ވާޝަނެއް އަދި ހާމައެއް ނުކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!