ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި އަށް ކުރިމަތިލީ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުން ކެންޑިޑޭޓް ނަމްބަރު އެ ޕާޓީން އިއުލާން ކޮށްފި އެވެ.
އެގޮތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު 1 އެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު 2 އެވެ.
އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރުމުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހު ހަމަވެފައިވާއިރު، އެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލައްވާފައި ވަނީ ވެސް އެ ދެ ބޭފުޅުން އެކަންޏެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަށް ކުރިމަތިލީ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުން ކެންޑިޑޭޓް ނަމްބަރު އެ ޕާޓީން އިއުލާންކުރިއިރު ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 6 ވަނަ ބައްދަލުވުމުގައި ވަނީ ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީގެ އިންތިޚާބީ ކޮމެޓީ ވެސް ހޮވާފައެވެ.
ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންރު ޙުސައިން ޝަޙީމް ހުށަހަޅުއްވައި، ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އީސާ ތާއީދު ކުރި ނަންތައް ރޭގެ ޤައުމީ މަޖިލީހުގެ ބައްދަލުވުން ފާސްކުރީ އިއްތިފާގުންނެވެ. މިގޮތުން އެ ކޮމެޓީއަށް ހޮވިވަޑައިގެންފައިވާ މެންބަރުންނަކީ، އެ ޕޓީގެ ޗެއަރޕާސަންގެ ނައިބު އިދާރީ އިބްރާޙީމް ވަޙީދު އާއި އެޕާޓީގެ ތަރުޖަމާނު އަނަސް ޢަބްދުއްސައްތާރު އާއި، މަތިއުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން އާއި ކެނދިކުޅުދޫ ދާއިރާގެ ރައީސް މުޙައްމަދު އީމާންގެ އިތުރުން ޤާނޫނީ ކޮމެޓީގެ ކުރީގެ މުޤައްރިރު އަޙްމަދު ޢަބްދުﷲ އަފީފު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!