ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީގެ އިންތިޚާބީ ކޮމެޓީ ރޭ ހޮވައިފިއެވެ.
މި ކޮމެޓީ ހޮވާފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 6 ވަނަ ބައްދަލުވުމުގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހުއެވެ. އެ ޕްރައިމަރީއަށް ކުރިމަތިލާފައި ވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
ތާޖުއްދީން ސްކޫލް ހޯލުގައި މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ޤައުމީ މަޖިލީހުން ނަގާ 5 މެމްބަރުންގެ ކޮމެޓީ ނެގުމަށް ނަން ހުށަހެޅުމަށް ހުޅުވާލުމުން ފުރުސަތަކަށް އެދިވަޑައިގެން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ފަރާތްޕުޅުން ކޮންމެ ކެންޑިޑޭޓަކު ދެ މެންބަރަކު ކޮމެޓީއަށް ނެންގެވުމަށް ހުށަހަޅުއްވާފައެވެ. އަދި ދެ ކެންޑިޑޭޓުންނަށް ވެސް އެއްބަސްވެވަޑައިގަންނަވާ އިތުރު އެއް މެންބަރަކާއެކު ޖުމުލަ ފަސް މެންބަރުން އެ ކޮމެޓީއަށް އައްޔަން ކުރެއްވުމަށް އާޒިމް ހުށަހެޅުއްވިއެވެ. އާޒިމަކީ ރައީސް ނަޝީދަށް ތާއީދު ކުރަށްވާ ބޭފުޅެކެވެ.
މި ހުށަހެޅުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ތާއީދު ކުރެއްވިއިރު، އާޒިމް ވަނީ ތިން ނަމެއް ހުށަހަޅުއްވާފައެވެ. ނަމަވެސް ރިޔާސަތުން ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލް ވަނީ ފަސް ނަމެއް ހުށަހެޅުމަށް އެދިވަޑައިގަންނަވާފައެވެ.
އާޒިމް ހުށަހެޅުއްވި ތިން ނަމަކީ، ވިލިމާލެ ދާއިރާގެ ކުރީގެ ރައީސް މުހައްމަދު އިބްރާހިމް މަނިކާއި، ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) އަދި އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބު އިދާރީ އިބްރާޙީމް ވަޙީދުގެ ނަމެވެ. ނަޝީދުގެ ފަރާތްޕުޅުން ފަސް ނަމެއް ހުށަހެޅުމަށް ރިޔާސަތުން ތަކުރާރުކޮށް އެދިވަޑައިގަތް ނަމަވެސް އިތުރު ދެ ނަމެއް ހުށަހަޅުއްވާފައި ނުވާތީ ރިޔާސަތުން އެ ތިން ނަމަށް ވޯޓަކަށް ނާއްސަވައެވެ.
އޭގެފަހުން ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންރު ޙުސައިން ޝަޙީމް ވަނީ ފަސް ނަމެއް ހުށަހަޅުއްވާފައެވެ. އެނަންތަކަށް ތާއީދު ކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އީސާ އެވެ. މިއީ ރައީސް ޞާލިޙަށް ތާއީދުކުރާ ދެ ބޭފުޅުންނެވެ.
މެންބަރު ޙުސައިން ޝަޙީމް ހުށަހެޅުއްވި ނަންތައް
- އިބްރާޙީމް ވަޙީދު (ޗެއަރޕާސަންގެ ނައިބު އިދާރީ)
- އަނަސް ޢަބްދުއްސައްތާރު (ސްޕޯކްސްޕާސަން)
- އަކްރަމް ކަމާލުއްދީން (މަތިއުތުރު ޕްރޮވިންސްގެ ރައީސް)
- މުޙައްމަދު އީމާން (ކެނދިކުޅުދޫ ދާއިރާގެ ރައީސް)
- އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ އަފީފު ( ޤާނޫނީ ކޮމެޓީގެ ކުރީގެ މުޤައްރިރު)
މި ނަންތައް އެވަގުތު ޤައުމީ މަޖިލިހަށް ޙާޟިރުވެތިއްބެވި މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
މި ނަންތައް ފާސްކުރިއިރު، ރައީސް ނަޝީދުގެ ފަރާތްޕުޅުން އާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ރައީސް ޞާލިޙްގެ ޓީމުގެ އެއްބަސްނުވުމުން ނަޝީދު ޓީމުގެ މެންބަރުން ވަނީ ޖަލްސާ ދޫކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!