ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެދު ކަނޑާލި، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު އަލުން ފަށާނެއެވެ.

މިދިޔަ މަހު ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލިއިރު ބައެއް ޓީމްތައް ވަނީ 14 މެޗު އަނެއްބައި ޓީމްތައް ވަނީ 15 މެޗު ކުޅެފައެވެ. ލީގުގެ ފަހުބައި މިއަދު އަލުން ފަށާއިރު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ އާސެނަލްއެވެ. އާސެނަލް އެއްވަނާގައި އޮތީ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއަށްވުރެ 5 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އާސެނަލްއަށް 14 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު ސިޓީއަށް 14 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ.

Ad
rt

މިރޭ 01:00 ގައި އާސެނަލް އަމިއްލަ ދަނޑުގައި އެ ޓީމް ނުކުންނާނީ ޕޮއިންޓް ތާވަލުގެ 16 ވަނާގައި އޮތް ވެސްޓްހޭމްއާއި ދެކޮޅަށެވެ. މި މެޗާއި އާސެނަލް ކުރިމަތިލާއިރު އެ ޓީމްގެ ބްރެޒިލް ފޯވާޑް ޖީސަސް ހުރީ އަނިޔާގައެވެ. އޭނާއަށް އަނިޔާވެފައި ވަނީ ވޯލްޑް ކަޕްގައި ބްރެޒިލްއާއި ކެމަރޫން ބައްދަލުކުރި މެޗުގައެވެ.

ސިޓީގެ ފުރަތަމަ މެޗު އޮތީ މި ހަފްތާގެ ބުދަ ދުވަހުގެ ރޭ ދަންވަރު 01:00 ގައެވެ. އެ މެޗުގައި ރަށުން ބޭރުގައި ސިޓީ ނުކުންނާނީ ޕޮއިންޓް ތާވަލުގެ 15 ވަނާގައި އޮތް ލީޑްސް ޔުނައިޓެޑާއި ދެކޮޅަށެވެ.

ލީގު އަލުން ފަށާއިރު ސިޓީގެ ކޯޗް ގާޑިއޯލާއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ލީގު މެދުކަނޑާލިއިރު ވެސް ފޯމުގައި ހުރި އެ ޓީމްގެ ނޯވޭ ފޯވާޑް އާލިން ހާލަންޑް ފޯމުގައި ހުރުމެވެ. އޭނާ ވަނީ ވޯލްޑް ކަޕަށް ފަހު އިނގިރޭސި ލީގް ކަޕް ގައި މެންޗެސްޓާ ސިޓީ އިން 3-2 އިން ލިވަޕޫލް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރު ކުރި މެޗުގައި ވެސް ލަނޑު ޖަހާފައެވެ. މިވަގުތު ލީގުގެ ޓޮޕް ސްކޯރާއަކީ ވެސް އޭނާއެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުގައި 18 ލަނޑު ޖަހާފައެވެ.

ލީގު މެދު ކަނޑާލިއިރު އެންމެ ރަނގަޅު ފޯމެއްގައި އޮތް ނިއުކާސަލް މިރޭ 20:00 ގައި ރަށުން ބޭރުގައި ނުކުންނާނީ ލެސްޓާ ސިޓީއާއި ދެކޮޅަށެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ ތިންވަނާގައި އޮތީ ވެސް ނިއުކާސަލްއެވެ. އެ ޓީމަށް 15 މެޗުން ވަނީ 30 ޕޮއިންޓް ލިބިފައެވެ. ލީގުގައި މިހާތަނަށް ނިއުކާސަލް ބަލިވެފައި ވަނީ ވެސް އެންމެ މެޗަކުންނެވެ. އެއީ ރަށުން ބޭރުގައި ލިވަޕޫލް އަތުންނެވެ.

ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާނީ މިވަގުތު ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައި އޮތް ޓޮޓެންހަމާއި، ތާވަލުގެ 10 ވަނާގައި އޮތް ބްރެންޓް ފޯޑް މެޗުންނެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 17:30 ގައެވެ. ޓޮޓެންހަމް ތާވަލުގެ ހަތަރުވަނާގައި އޮތީ ކުޅުނު 15 މެޗުން ލިބުނު 29 ޕޮއިންޓާއި އެކުގައެވެ.

މިވަގުތު ޕޮއިންޓް ތާވަލުގެ ފަސްވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ 01:00 ގައި ނުކުންނާނީ ނޮޓިންހަމް ފޮރެސްޓާއި އެކޮޅަށެވެ. މިވަގުތު ޔުނައިޓެޑް ތާވަލުގެ ފަސްވަނާގައި އޮތީ ކުޅުނު 14 މެޗުން ލިބުނު 26 ޕޮއިންޓާއިއެކުގައެވެ.

ޕޮއިންޓް ތާވަލުގެ ހަވަނާގައި އޮތް ލިވަޕޫލް މިރޭ 22:00 ގައި ރަށުން ބޭރުގައި ނުކުންނާނީ އެސްޓަންވިލާއާއި ދެކޮޅަށެވެ. ލިވަޕޫލް މިވަގުތު ތާވަލުގެ ހަ ވަނާގައި އޮތީ ކުޅުނު 14 މެޗުން ލިބުނު 22 ޕޮއިންޓާއި އެކުގައެވެ.

ޕްރިމިއާ ލީގު މި ހަފްތާގެ މެޗްތައް:

(17:30) : ބްރެންޓްފޯޑް – ޓޮޓެންހަމް 26/12/2022

(20:00) : ސައުތެމްޓަން – ބްރައިޓަން 26/12/2022

(20:00) : ލެސްޓާ ސިޓީ – ނިއުކާސަލް 26/12/2022

(20:00) : ކްރިސްޓަލް ޕެލަސް – ފުލަމް 26/12/2022

(20:00) : އެވަޓަން – ވުލްވްސް 26/12/2022

(22:30) : އެސްޓަން ވިލާ – ލިވަޕޫލް 26/12/2022

(01:00) : އާސެނަލް - ވެސްޓް ހޭމް 27/12/2022

(22:30) : ޗެލްސީ – ބޯންމަތު 27/12/2022

(01:00) : މެންޗެސްޓާ ޔުނައިޓެޑް - ނޮޓިންހަމް ފޮރެސްޓް 28/12/2022

(01:00) : ލީޑްސް ޔުނައިޓެޑް - މެންޗެސްޓާ ސިޓީ 29/12/2022