އެއްބައިވަންތަކަން ގާއިމްކުރެވޭނީ، ހިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް ހަމަހަމަކަން ގާއިމުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

މ. އަތޮޅު މަދަރުސާގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިސަރުކާރުން ފެށި ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ވެސް، ވަކި ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

މަގާމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީ ވެސް ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި ދުވަހެއްކަން ފާހަގަކުރައްވާ އެމަނިކިފާނު ވިދާޅުވީ ވެރިކަމުގެ ދައުރު ފެއްޓެވި އިރު، ކުރިމަތިވެވަޑައިގެންފައި އޮތް އެންމެ ބޮޑު އެއް ކަމަކީ، ދިވެހިންގެ މެދުގައި ހަމަޖެހުމާއި ސުލްހަޔާއި އެއްބައިވަންތަކަން ގެއްލި ބައިބައިވެފައި އޮތުން ކަމަށެވެ.

"އޭރު ސިޔާސީ ބޭނުންތަކެއްގައި ވަކި ބަޔަކު ގަސްދުގައި ދިޔައީ ހަމަޖެހުން ނަގައިލަމުން. އެންމެ ފުރަތަމަ ކުރަންޖެހުނު ކަމަކަށް އަޅުގަނޑަށް ވިސްނުނީ މުޖްތަމައުގައި ސުލްހަ ގާއިމުކުރުމާއި، ދިވެހިން އެއްބައިވަންތަކޮށް، އެކުވެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުން." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މައްޗަށާއި އެދުވަހު ދިވެހިރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމުގެ މައްޗަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގައި ސަލާމަތީ ހިދުމަތްތަކުން ކުރި ބުރަ، އަގުހުރި މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.

މިޖަލްސާގައި ކޮޅުފުށީގައި ހަދާފައިވާ ސުނާމީ ކާރިސާގެ ހަނދާނީ ބިނާގެ މޮޑެލްއެއް ކޮޅުފުށީ ކައުންސިލްގެ ފަރާތުން ރައީސްއަށް ވެދުމަށް އަރުވާފަ އެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ކުރިން ކޮޅުފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި، ރަސްމިއްޔާތުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ، ސުނާމީ ކާރިސާގެ ހަނދާނީ ބިނާ، ރައީސް ވަނީ ހުޅުއްވައި ދެއްވާފަ އެވެ.

ސުނާމީ ކާރިސާގައި ކޮޅުފުށިން 16 މީހުން މަރުވެފައި ވެއެވެ. އޭގެ ތެރެއިން 4 މީހުންނަކީ ވީނުވީއެއް ނޭނގިގެއްލިފައިވާ މީހުން ނެވެ.

މިއަދަކީ ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާއަށް 18 އަހަރު ފުރުނު ދުވަހެވެ. ސުނާމީ ކާރިސާ އާއި ގުޅިގެން ފާހަގަކުރައްވަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް މިއަހަރު ގައުމީ ފެންވަރުގައި ފާހަގަކުރައްވަނީ މ. ކޮޅުފުށީގަ އެވެ.