އަންނަ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވާދަކުރެއްވިނަމަ ވެސް އެ އިންތިޚާބުގައި ވޯޓުލާ މީހުންގެ 20 ޕަސެންޓް ވޯޓުވެސް އެމަނިކުފާނަށް ނުލިބޭނެކަމަށް އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި އުތީމު ކައުންސިލް ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް އެމަނިކުފާނު ''ބެސްޓް ފްރެންޑް'' ރައީސް މުޙައްމަދު ނަޝީދު ބަލިކުރެވިދާނެ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ''20 ޕަސެންޓް ވެސް ނުލިބޭނެ''ކަމަށް ވިދާޅުވެފަވެއެވެ.
ރަޝީދު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން 11 އަހަރުގެ ޙުކުމެއް ކޮށްފައިވައިވަނިކޮށް، އެކަމާ ގުޅުވައި ޕީޕީއެމްގެ މެންބަރުން ވަރަށް ނުރުހި ސަރުކާރާއި، ރައީސް ޞާލިހަށް ބަސްތައް ރައްދުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ހުކުރު ދުވަހުގެ ރޭ މާލޭ ކާނިވަލުގައި ޕީޕީއެމުން ބޭއްވި ''ފެލާލައިފި'' ޖަލްސާގައި ވެސް ރަޝީދު ވަނީ ބައިވެރިވެފައެވެ. އަދި އޭނާ ވަނީ ރައީސް ޔާމީންގެ މައްޗަށް ޙުކުމް އިއްވާ ޝަރީޢަތުގެ މަޖިލިސް އިއްޔެ ހިނގަމުން ދިޔައިރު ކޯޓު ކައިރިއަށް ވެސް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!