ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު މ. ކޮޅުފުއްޓަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް މިއަދު ކޮޅުފުއްޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް މިއަހަރު ފާހަގަ ކުރަނީ ކޮޅުފުށީގައެވެ. އެރަށަކީ 2004 ވަނަ އަހަރުގެ ޑީސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖެއިން އެންމެ ބޮޑު އަސަރުކުރި އެއް ރަށެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިއަދު ހެނދުނު 10:30 ގައި ކޮޅުފުށީ މަދަރުސާގައެވެ.
ރާއްޖޭގައި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. އެދުވަސް ފާހަގަ ކުރަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާއާއި ގުޅިގެން ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުންނެވެ.
އެ ދުވަހުގެ ހެނދުނު ރާއްޖޭ ގަޑިން 9:23 ގައި ރާއްޖޭގެ ރަށްތަަކަށް އެރި ސުނާމީ ރާޅަކީ ރާއްޖެއަށް މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުންބޮޑު ކާރިސާއެވެ. މި ކާރިސާގައި 82 މީހުންގެ ފުރާނަ ގެއްލި، 26 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.
އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު މި ސުނާމީގައި ދުނިޔޭގެ 14 ގައުމަކުން 230000 އާއި 280000 އާ ދެމެދުގެ ޢަދަކަށް މީހުން މަރުވިކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!