އޭނާ ނިސްބަތްވެވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އަބަދުވެސް ދެކިވަޑައިގަންނަވަމުން އައި ހުވަފެނެއް ހަގީގަތަކަށް ވެފައިވާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްޔެ ހުކުމް ކުރުމުން އާދަމް ޝަރީފް ވަނީ ރައީސް ޔާމީނަށް ދެމުން ދަނީ އަނިޔާއެއް ކަމަށާއި އެ އަނިޔާއާއި ދެކޮޅަށް ފަހުވަގުތާ ހަމައަށް އޭނާ ވެސް ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މޫކޭ ވަނީ، އެއީ ''ވަގެއްކަން'' އިނގުނުނަމަވެސް ރިޔާސީ ޓިކެޓް ބޭނުންނަމަ ކޮންމެހެން އާދަމް ޝަރީފް ވިދާޅުވާންޖެހޭ އެއްޗެއްތޯ ސުވާލުކުރައްވާފައެވެ.
''އަޅުގަނޑުގެ ދާއިރާގެ މެންބަރު އަބަދުވެސް ދެކިވަޑައިގަތް ހުވަފެން ހަގީގަތަކަށް ވެއްޖެ'' މޫކޭ ވިދާޅުވެފަވެއެވެ.
މޫކޭ އިތުރަށް ވިދާޅުވެފައި ވަނީ، ރައީސް ޔާމީނުގެ ވައްކަމާއި އަނިޔާވެރިކަމަކީ ދިވެހިން ހަނދާން ނެތޭނެ ކަންކަމެއް ނޫން ކަމަށެވެ.
''ވައްކަން ކޮށްގެން ކުށް ސާބިތުވެ ނިމިގެން އެދިޔައީ ފުރިހަމަ ޝަރީއަތެއް. ޕީޕީއެމް ގެ ލީޑަރޝިޕަށް އުފާވެރި ދުވަހެއް. އުފާވެރިކަން އެންމެންގެ މޫނުމަތިން ފެނިގެން ދިއުމުން ހައިރާނެއް ނުވޭ'' މޫކޭ ވިދާޅުވެފަވެއެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކޮށްފައިވާއިރު، އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައި ވަނީ، 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. އަދި ޖޫރިމަނާ ފައިސާ އިއްޔެއިން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އަންގާފަވެއެވެ. މި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!