ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ހދ. ނެއްލައިދޫ، ވެރޯނާ / މުހައްމަދު ހަސަން އަށް އެހީވުމަށް ހާއްސަ ދުވުމެއް ބޭއްވުމަށް އެރަށު ނެރު ޖަމިއްޔާ އިން ތައްޔާރުވެއްޖެ އެވެ.

އެޖަމިއްޔާގެ ރައީސް ހާމިދު ރަޝީދު "ތިލަދުން" އަށް ވިދާޅުވީ މި ދުވުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ނެއްލައިދޫގައި ކަމަށެވެ. އަދި އެ ދުވުމަށް އެރަށުން ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށާއި ދުވުން ފަށާނީ އެ ދުވަހުގެ ހަވީރު 4 ޖަހާއިރު ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ މިއީ އެރަށުގައި މިފަދަ ދުވުމެއް ބާއްވާ ފުރަތަމަ ފަހަރުކަމަށް ވާތީ، އެހެންވެ، އެއީ ކިހާ ކިލޯމީޓަރެއްކަން ބުނަން ދަތިކަމަށެވެ.

މީގެ އިތުރުން މި ދުވުމަށް ހާއްސަ ބިބަކާއި ޓީޝާޓެއް މިހާރުވަނީ ފަރުމާކޮށްފައި ކަމަށާއި ބިބާއި ޓީޝާޓު ގަތުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ބޮޑެތި މީހުންގެ ޓީޝާޓެއް 180 ރުފިޔާ އަށް ވިއްކާއިރު، ކުޑަކުދިންގެ ޓީޝާާޓެއްގެ އަގަކީ 150 ރުފިޔާ ކަމަށާއި އަދި އަތްދިގު ނުވަތަ އަތްކުރުވިޔަސް އެއް އަގެއްގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިބްގައި ދެ ކެޓަގަރީއެއް ހުންނާނެ ކަމަށާއި އެއީ 'ޗާލު' ބިބާއި 'އާދައިގެ' ބިބް ކަމަށެވެ. ޗާލު ބިބެއް 100 ރުފިޔާއަށް ވިއްކާއިރު، އާދައިގެ ބިބެއް ވިއްކަނީ 50 ރުފިޔާ އަށެވެ.

"މިއީ މުހައްމަދުބެގެ ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބާއްވާ ހަރަކާތެއް. ބިބާ ޓީޝާޓް ނުވަތަ އެތަނުން ކޮންމެވެސް އެކައްޗެއް ގަނެގެން ވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ. މިފަދަ ކަމަކަށް، އިންސާނީ އެހީތެރިކަމަށް ގޮވާލާ މިފަދަ ކޮންމެ ވަގުތެއްގައި ދިވެހިންނަކީ އަބަދުވެސް އެހީވާ ބައެއް. އެހެންވީމަ އަލުގަނޑުމެންގެ އުއްމީދަކީ މި ހަރަކާތަށް ވީހާވެސް ގިނަ މީހުންގެ އެހީތެރިކަން ލިބުން."

ހާމިދު ވިދާޅުވި އެވެ.

މި ދުވުމުގައި ބައިވެރިވުމަށް ނުވަތަ ޓީޝާޓު ގަތުމަށް ބޭނުންވާ ފަރާތްތަކުން 7437779 ނެރު ޖަމިއްޔާގެ ރައީސް ހާމިދު ރަޝީދަށް ގުޅުއްވުމަށް އެ ޖަމިއްޔާ އިން އެދިލައްވަ އެވެ.

ދުވުމުގައި ރަޖިސްޓްރީވުމާއި ޓީޝާޓަށް އޯޑަރ ކުރުމުގެ ސުން ގަޑިއަކީ މި ޑިސެމްބަރ މަހުގެ 28 ވާ ބުދަ ދުވަހުގެ މެންދުރު 12 ޖަހާއިރެވެ.

ހދ. ނެއްލައިދޫ، ވެރޯނާ / މުހައްމަދު ޙަސަނަށް ޓީބީ ޖެހިފައިވަނީ އުމުރުން 18 އަހަރުގަ އެވެ. އަދި 2007 ވަނަ އަހަރު ކަރަށް ކެންސަރު ޖެހުމުގެ ސަބަބުން ރޭޑިއޭޝަން ދީ ބޭސް ކޮށް ރަނގަޅު ވެފަ އެވެ.

އޭގެ ފަހުން އަނެއްކާ ވެސް މެއަށް ތަދުވެ، ކަރުގައި ރިއްސައި ނޭވާލާން އުދަގޫވުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ދެއްކުމުން، އެތަނުން އިރުޝާދުދެެއްވާފައިވަނީ މާލެ ގޮސް، ކެންސަރާ ބެހޭ ހާއްސަ ޑޮކްޓަރަކަށް ދައްކައިގެން ކުރިއަށް ދިއުމަށެވެ.

ނެރު ޖަމިއްޔާ އިން ވިދާޅުވީ މުހައްމަދުގެ އާއިލާއަކީ މިފަދަ ބޮޑު ހަރަދެއް ކުރުމުގެ ތަނަވަސްކަން ހުރި އާއިލާއަކަށް ނުވާތީ، އެ ޖަމިއްޔާ އިން މިކަން ކުރަނީ، އާއިލާގެ ވެސް ރުހުމާއެކުގައި ކަމަށެވެ.