ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ހުރި އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވީ މިއަދު ހެނދުނުއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓަރ އެކައުންޓަކުން، ކުރި ޓްވީޓެއްގެ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އައްބާސްގެ ޓްވީޓްގައި ބުނެފައި ވަނީ ''ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހީ. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ'' މިހެންނެވެ.
އައްބާސްގެ މި ޓްވީޓްގެ ސަބަބުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުލިބޭ ކަމަށް ބުނެ އެކަން ވަނީ ބައެއް ފަރާތްތަކުން ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި ސަރުކާރާއި، ބައެއް ވަޒީރުން ނާއި އަދި އެމްޑީޕީ ހިމެނެއެވެ.
އައްބާސް ހައްޔަރު ކުރުން އިދިކޮޅުން އެކަން ސިފަކޮށްފައި އެކަމަކީ އޭނާ ފްރޭމް ކުރުމުގެ ޢަމަލެއްގެ ގޮތުގައެވެ. މިގޮތުން ހުޅުމާލެ ދާއިރާ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައި ވަނީ، އިންޑިޔާ ރުއްސަން އައްބާސް އާދިލް ރިޒާ ފްރޭމް ކޮށްފައިވާ ކަމަށެވެ.
އައްބާސް އާދިލް ރިޒާ އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރިޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!