ހަކަތައިގެ ދާއިރާގައި ހިދުމަތް ކުރާނެ ދިވެހިން ކުރިމަގުގައި އުފައްދަން ޖެހޭ ކަމަށާއި، މީހުން ބިނާ ކުރަން ސްޓެލްކޯ އަބަދުވެސް އިސްކަންދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
މާލޭގައި ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 73 އަހަރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ދާއިރާއިން މީހުން ބިނާކުރަން ސްޓެލްކޯއިން އަބަދު ވެސް މަސައްކަތްކުރާ ކަމަށެވެ. އަދި ދިވެހިން ތަމްރީނުކުރުމަށާއި މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކޮންމެ އަހަރު ހަތް މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ.
އޭގެބޭނުމަކީ އެ ދާއިރާއަށް ހުނަރުވެރިން ޒުވާނުން އިތުރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކަރަންޓުގެ ސިނާއަތަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި އެވޯޑު ދިނުމަށް ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ.
"މި އެވޯޑަށް ވަކިވަކި ފަރުދުންނަށް ކުރިމަތިލެވޭނެ. ޖަމިއްޔާ ޖަމާއަތްތަކުން ވަކި މީހަކުގެ ނަން ވެސް ހުށަހެޅޭނެ. މި އެވޯޑުގެ ގައިޑްލައިން އަންނަ އަހަރު އާންމުކުރާނެ." ޝަރީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކަރަންޓުގެ ސިނާއަތް ކުރިއެރުވުމަށް އިތުރު ހިތްވަރަކަށް މި އެވޯޑުގެ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭން ފެށީ 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ހިދުމަތްދެވި ތަރައްގީ ކުރެވެމުން އައިސް މިހާރުގެ ސްޓެލްކޯ އުފެއްދީ 1997 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!