ހދ. ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަރާނެ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޓީވީއެމްގެ މިއަދުގެ ''ހެނދުނުހެނދުނާ'' ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން މީޓްރޮލޮޖިސްޓް މުހައްމަދު ޝަހުދު ވިދާޅުވީ، އެ އިދާރާއިން އެއްކުރަމުންދާ މައުލޫމާތަކަށް ބަލާއިރު ކުޅުދުއްފުއްޓަށް ވެސް އަދި ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ތޫފާނެއް އަރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

Ad
rt

ޝަހުދު ވިދާޅުވީ، ލަންކާ ސަރަހައްދުން ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވިޔަސް، އެ ތޫފާން ލަންކާ މަތިން އަރަބި ކަނޑަށް ދާއިރު ރާއްޖެއަށް އެ ކޮޅިގަނޑުގެ ސީދާ އަސަރުކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.

''މީގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ވައިގަދަވުން އެކަށީގެންވޭ، އެހެން ނަމަވެސް އަނެއްހެން ސީދާ ކުޅުދުއްފުށީ ސަރަހައްދަކަށް ތޫފާނުގެ އަސަރެއް ނުކުރާނެ'' ޝަހުދު ވިދާޅުވިއެވެ.

އެހެންނަމަވެސް މި ޑިސެމްބަރު މަހުގެ 27 ވަނަ، އެ ސަރަހައްދަށް ތޫފާނެއް އަރާނެ ކަމަށް މޫސުމުގެ މައުލޫމާތު ފޯރުކޮށްދޭ ބައެއް އެޕްލިކޭޝަންތަކުގައި ވަނީ ބުނެފަ އެވެ. އެ އެޕްލިކޭޝަން ތަކުގައިވާ ގޮތުން ސްރީލަންކާގެ އިރުން އުފެދިފައިވާ ތޫފާނު، ކޮޅިގަނޑަކަށް ބަދަލުވާނެ އެވެ. އަދި އޭގެ ނުސީދާ އަސަރު އުތުރުގެ ސަރަހައްދުތަކަށް ކުރާނެ އެވެ.

ޝަހުދު ވިދާޅުވީ، ކުރިޔަށް އޮތް ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް ވަނީ ހުދު ސަމާލު ނެރެފަ އެވެ. އެގޮތުން މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރުން 3 ޖެހުމާއި ހަމައަށް، ހދ. އަތޮޅުން ފެށިގެން ފ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރުނާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް މެޓް އޮފީހުގެ ސަމާލުގައި ވެއެވެ.