ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ތަކެއި ޝުންސުކެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނުގެ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. މިއަހަރަކީ ރާއްޖެއާއި، ޖަޕާނާއި ދެ ޤައުމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުން ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އިޖްތިމާޢީ-އިޤްތިޞާދީ ދާއިރާއިންނާއި، ޞަރަޙައްދީ ސަލާމާތާއި ގުޅޭގޮތުންނާއި، ދޭދޭ ރައްޔިތުންގެ ދެމެދުގައި ގުޅުންބަދަހިކުރުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ކުނި މެނޭޖްކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް އެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވެ ޖަޕާން ސަރުކާރުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނުގެ ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ.
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުގައެވެ.
ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ތަކެއި ޝުންސުކެ ރައީސް ޞާލިޙާއި މިއަދު ބައްދަލުކުރެއްވިއިރު، ދެ ގައުމުން ސިޔާސީ ގުޅުން ގާއިމްކުރިތާ 55 އަހަރު ފުރުން ފާހަގަކުރުމަށް، އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ހެނދުނު ވަނީ ރާއްޖެ އާއި ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ މޮނިއުމެންޓް އަލުން ބަހައްޓާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!