މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެންމެ ބޮޑު މަގްސަދަކަށްވީ ވެރިކަމުގެ ކުރިން ވީ ވައުދުތައް ފުއްދުމުގެ ބަދަލުގައި، ސިޔާސީ މައިދާނުން ރައީސް ޔާމީން ފޮހެލުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ "ފެލާލައިފި" ގެ ނަމުގައި އިދިކޮޅުން، އަންނަ ހުކުރު ދުވަހުގެރޭ ބާއްވާ ޖަލްސާގެ ކުރިން، މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ފުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެވެ.

Ad
rt

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުން ޔާމީން ފޮހެލުމަށް ދައުލަތަށް ލިބޭ ފައިސާ އިން އެކަމަށް ހޭދަކުރާ ކަމަށެވެ. އަދި ޔާމީން ދައުލަތުގެ މުއައްސަސާތަކަށް އަބަދު ހާޒިރުކުރާތީ އެމަނިކުފާނު ހުންނެވީ ތަނަކަށް ވަޑައިނުގެންނެވޭ ފަދަ ހާލަތެއްގައި ކަމަށެވެ.

އެ ކޯލިޝަނުން ކުރާ ދަތުރާއި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ މި ދަތުރުގައި އެ ކޯލިޝަންގެ އިސް ބޭފުޅުންގެ ޓީމެއް ކާށިދޫ އާއި ގާފަރު ފިޔަވައި އެ އަތޮޅުގެ ހުރިހާ ރަށަކަށް މިއަދު ދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުގައި ރައްޔިތުންގެ ހާލަތު އޮޅުންފިލުވައި މިހާރު އޮތް ހާލަތު ބަދަލުކުރާނެ ގޮތްތައް ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އެއްވެސް ސަރަހަދެއްގައި ބޮޑު ޕްރޮޖެކްޓެއް ނުހިނގާކަމަށް ވިދާޅުވެ، އޭނާ ވަނީ ވަރަށްބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އަށް ގޮސް ގަވަރުނަރު އަލީ ހާޝިމް އާ ވެސް ބައްދަލު ކޮށްފައެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައިވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖެއަކީ އިގްތިސޯދީ ގޮތުން ހަމަޖެހޭ ގައުމެއް ކަމަށެވެ. އަދި ޔާމީންގެ ވެރިކަން ނިމުނުއިރު ރިޒާވްގައި އެތައް މިލިއަން ޑޮލަރެއް ހުއްޓަސް މި ވެރިކަމާއެކު އެ ހުރިހާ އެއްޗެއް ހުސްކޮށްލާފައި ކަމަށެވެ.