ޑީއާރްޕީ އުވާލުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނީގެ މައްސަލަ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

'ސަންގު ޓީވީ' ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ދަރަންޏަށް ޒިންމާ ވާންޖެހޭނީ ދަރަނި ނެގިއިރު އެއިރެއްގައި ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންކަމަށް ޤާނޫނުގައި ބުނާ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ އެ ޕާޓީގެ ދަރަނީގެ މައްސަލަތައް ކޯޓުގައި ކުރިއަށްދާ ކަމަށާއި އެމައްސަލާގައި ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ. އަދި ކަން އެކަމުގައި އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

3000 މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވާލުމަށް ނިންމާފައި އެކަން ޕާޓީގެ އިސްވެރިންނަށް މި ހަފްތާ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާއިރު، ހަބީބު ވިދާޅުވީ މިހަރުގެ ލީޑަރޝިޕާއި ހަަމަށް އައިއިރު ޑީއާރްޕީގައި ތިބީ ހަތަރުހާސް މެންބަރުން ކަމަށެވެ.

ޕާޓީގެ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު އެތައް މިލިއަނަކަށް އަރާކަމަށް ޕާޓީ އުފެއްދެވި ރައީސް މައުމޫން ފަހުން ޕާޓީ ހިންގެވުމާއި ހަވާލުވެވަޑައިގެންނެވި އަހުމަދު ތަސްމީން އަލީ ވެސް އޭރު ފާހަގަކުރައްވާފައި ވެއެވެ.

އޭގެ ފަހުން މުހައްމަދު ނަޝީދު (ކާނަލް) އެ ޕާޓީ ހިންގެވުމާއި ހަވާލުވެވަޑައިގެންނެވުމަށް ވިދާޅުވެފައިވަނީ ޕާޓީގެ ދަރަނި 10 މިލިއަނަށް އަރާކަމަށެވެ. އެއީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ކޮންމެވެސް ވަރަކަށް ފައިސާ ދައްކާފައިވީނަމަވެސް، އަދިވެސް ދަރަންޏާއި ޖޫރިމަނާގެ ގޮތުގައި ޕާޓީން ދައްކަންޖެހޭ ބޮޑަތި އަދަދުތަކުގެ ދަރަނި އޮތީ ހަލާސް ނުކުރެވި އެވެ.

2020 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމެއްގައި ޑީއާރްޕީން އިލެކްޝަންސް ކޮމިޝަނަށް 125،000 ރުފިޔާ ދެއްކުމަށްވެސް އަންގާފައިވެއެވެ. އެއީ ޑީއާރްޕީން އޮޑިޓް ރިޕޯޓް ހުށަނާޅައިގެން ކުރި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހުނު އަދަދެކެވެ. އަދި 2016 ވަނަ އަހަރު 50،000 ރުފިޔާ، 2017 ގައި 25،000 ރުފިޔާ އަދި 2019 އަހަރު 50،000 އިލެކްޝަންސް ކޮމިޝަނަށް ދެއްކުމަށް އެންގި ޖޫރިމަނާގެ ފައިސާވެސް އޭގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރަށްވެސް އެކި ކުންފުނިތަކަށް އެޕާޓީން ދައްކަންޖެހޭ ފައިސާގެ ބޮޑެތި އަދަދުތަކުގެ ދަރަނި އެބަހުއްޓެވެ.

ޑީއާރްޕީއަކީ ރާއްޖޭގައި ދެވަނައަށް އުފެދުނު އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްޤައްޔޫމް އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެޕާޓީން ސިޔާސީ މައިދާނަށް ނެރުއްވި ބައެއް ބޭފުޅުން މިހާރުގެ ސަރުކަރުގެ ވަޒީރުކަމާއި ކުރިޔަށް ރައްޔިތުންގެ މަޖިލީހުގައިވެސް އެބަ ތިއްބެވިއެވެ.

މިހާރު ޕާޓީގެ ލީޑަރޝިޕްގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.