އިންޓަރސްކޫލް ނެޓްކިޑްސް ފިއެސްޓާގެ ނަމުގައި ހަރަކާތެއް ބާއްވައިފި އެވެ.

'އެން ސްޕޯޓްސް އެކަޑަމ'ީ އާއި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މި ފިއެސްޓާގައި ޖުމްލަ 13 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ.

Ad
rt

މި ފިއެސްޓާގައި 52 ޓީމަކުން 624 ދަރިވަރުން ބައިވެރިވި އިރު، އޭގެ ތެރޭގައި ހިމެނެނީ ގްރޭޑް 2، 3، 4 އަދި 5 ގެ ދަރިވަރުން ނެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ފިއެސްޓާ އާ ގުޅޭގޮތުން "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެން ސްޕޯޓްސް އެކަޑަމީން ވިދާޅުވީ މި ފިއެސްޓާގެ ތެރެއިން ވަރަށް ހުނަރުވެރި ދަރިވަރުން ފެނިގެން ދިޔަ ކަމަށެވެ. އަދި ރާއްޖޭގައި ނެޓްބޯޅައިގެ ކުރިމަގު އުޖާލާކަން ހާމަވި ކަމަށެވެ.

މިފަދަ ފިއެސްޓާ އެއް ބޭއްވުމުގެ މަގުސަދަކީ ނެޓްބޯޅައަށް، ޅަ އުމުރުގައި ހިތް ޖައްސުވައި، ހުނަރުވެރިން އުފެއްދުން ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި މުބާރާތްތަކަށް ކުދިން ހޭނުވުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ހުނަރުވެރި ތުއްތު ކުދިން ފެނުނު މި ފިއެސްޓާއިން. ބޭނުންވަނީ ވީހާވެސް ޅަ އުމުރުގައި ނެޓްބޯޅައިގެ ތެރެއަށް ކުދިން ވައްދާ، ރާއްޖޭއަށް ރީތިނަމެއް ހޯދައިދެވޭފަދަ ކުދިން އުފެއްދުން." އެން ސްޕޯޓްސް އިން ވިދާޅުވި އެވެ.

މިއަހަރުގެ ފިއެެސްޓާގައި ބައިވެރިވެފައިވަނީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ޖަމާލުއްދީން، އިސްކަންދަރު، ބްރައިޓް ވޭ ހައި އިންޓަރނޭޝަނަލް، ޣާޒީ ސްކޫލް، ހުރަވީ ސްކޫލް، އަރަބިއްޔާ، ޣިޔާސުއްދީން އިންޓަރނޭޝަނަލް، ތާޖުއްދީން، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް އަދި އިއްޒުންދީން ސްކޫލެވެ.

މި ފިއެސްޓާގެ ޗީފް ގެސްޓަކީ ޑރ. އާމާލް އަލީ އެވެ. އަދި ފިއެސްޓާގެ ތެރެއިން ވަނީ ކުޅިވަރުގައި ރާއްޖެއަށް ރަން ވަނަ ހޯދައިދީފައިވާ ފަރާތްތައް ވެސް ބައިވެރިވެފަ އެވެ.