މިދުވަަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށްވާތީ، ފްލައިޓް ޑިލޭވުން މަދު ކުރުމަށް ރުމުގެ ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކުރައްވައިފި އެވެ.

އެ އިދާރާ އިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމަށްވާތީ، އެއަރޕޯޓުގެ ކިއުތައް ދިގުވެ، ޑިލޭތައް މަދުކުރުމަށް ފުރުމުގެ ތިން ގަޑިއިރުކުރިން އެއަރޕޯޓަށް އައުމަށް އެދޭ ކަމަށެވެ. އަދި އިންޓަނޭޝަނަލް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ޗެކްއިން ވުމުގެ ކުރިން އިމުގާ ފޯމް ފުރުމަށް ވެސް ވަނީ ހަނދާން ކޮށްދީފަ އެވެ.

Ad
rt

އެއާޕޯޓުންދޭ ހިދުމަތްތައް ހަރުދަނާކުރުމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު، އިމިގްރޭޝަން ކައުންޓަރުތައް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ޑިޕާޗަރއަށް 7 ކައުންޓަރ، އެރައިވަލްއަށް 11 ކައުންޓަރ ވަނީ އިތުރުކޮށްފަ އެވެ.

ކޮވިޑް-19 އަށް ފަހު، އަނެއްކާ ވެސް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އަންނައިރު، ފަތުރުވެރިންގެ ޕީކް ސީޒަނާއި ދިމާކޮށް އެއަރޕޯޓަށް ބާރުބޮޑުވުން ކުޑަކުރުމުގެ ގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ވެސް މިހާރުރަސްމީކޮށް ބޭނުންކުރަން ފަށާފަ އެވެ.

މިދިޔަ އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަހު ހުޅުވި އައު ރަންވޭއާއެކު އެއަރޕޯޓްގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް އަންނާނެކަން އެމް.އޭ.ސީ.އެލް އިން ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން މީގެ ކުރިން ރަންވޭ ބޭނުންކުރެވެނީ ގަޑިއަކު 8 ނުވަތަ 10 ފްލައިޓަށްނަމަވެސް އައު ރަންވޭއާއެކު ގަޑިއަކު ރަންވޭ ބޭނުންކުރާ ފްލައިޓްގެ އަދަދު ވިއްސަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ވިދާޅުވެ އެވެ. އަދި މަތިންދާ ބޯޓެއް ޖެއްސުމަށްފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓު، 2 މިނެޓަށް ކުޑަވެގެންދާނެ ކަމަށް ވެސް ވިދާޅުވެ އެވެ.