މި ފެށޭ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑޮމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަތީ އަންނައަހަރު ޖެނުއަރީ މަހު ބޭއްވުމަށް ނިންމައި، ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެ ޕާޓީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހު ކަމަށާއި ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ގެ ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅަން އެދޭ ކަމަށެވެ. އަދި ކޮންމެ ކެންޑިޑޭޓަކު ވެސް ފޯމް ހުށަހަޅާއިރު، ހުށަހަޅަން ޖެހެނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

Ad
rt

އެ ޕާޓީގެ އިއުލާންގައި ވާ ގޮތުން 26 ޑިސެމްބަރު ގައި ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ނަންބަރާ އެކު އިއުލާނުކުރުމަށް ނިންމާފައިވާއިރު، ޑިސެމްބަރ 28 އިން 31 އަށް ވޯޓުލާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ އެވެ. އަދި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް ޖެނުއަރީ 3 ވަނަ ދުވަހު އާންމުކުރާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މީގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 އިން 15 އަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ އިއުލާން ކުރައްވާފަ އެވެ.