މާލެ އަތޮޅު މާފުށީގައި 10 އަހަރަށްފަހު ޔޫތް ސެންޓަރެއް ހުޅުވައިފި އެވެ.
އެރަށު ކައުންސިލުން ހަދާފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވައިދެއްވީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ޢަބްދުﷲ ނަޝީދު އެވެ.
މި ސެންޓަރަކީ މާފުށި ކައުންސިލްގެ ބަޖެޓުން އިމާރާތްކޮށްފައިވާ ތަނެއް ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އޭސީ ވެސް ކޮށްފައިވާ މި ޔޫތް ސެންޓަރުގައި ދެ ބިލިއަރޑް ބޯޑާއި ޓެބަލް ޓެނިސް، ކެރަމް އަދި ޗެސް ކުޅޭވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
މާފުށި ކައުންސިލުން ވިދާޅުވިގޮތުގައި އެތަނުގައި ބަހައްޓާފައިވާ އެއް ބިލިއަރޑް ބޯޑަކީ ޔޫތް މިނިސްޓްރީން ހަދިޔާ ކުރި ބޯޑެއް ކަމަށާއި އަނެއް ބޯޑަކީ އެރަށުގައި ގެސްޓްހައުސް ވިޔަފާރިކުރާ ކާނި ހޮޓެލްސް އިން ހަދިޔާ ކުރި ބޯޑެއް ކަމަށެވެ.
މީގެ އިތުރުން އެ ކައުންސިލުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައި އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ވީޑިއޯ ގޭމްއާއި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މާފުށީ ޔޫތް ސެންޓަރ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 11:00 ޖަހަންދެން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!