އަންނައަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން މެނޭޖަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ހަމަޖައްސަވައިފި އެވެ.

ނާޝިޒުއަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީގެ ކޮއްކޮ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ ފިރިކަލުން ނެވެ.

Ad
rt

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ބާއްވާ ޕްރައިމަރީގެ ކެމްޕެއިން ރަސްމީކޮށް އިއުލާނުކޮށްފައި ނުވިޔަސް، ބައެއް ފަރާތްތަކުން މިހާރު ގެންދަނީ ކެމްޕެއިން ކުރަމުން ނެވެ.

ރައީސް ސާލިގެ ކެމްޕެއިން އޮފީހެއްގެ ގޮތުގައި ކަނޑައަޅަފައިވަނީ ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނުގެ ކެމްޕެއިނަށް ބޭނުންކުރި މައި އޮފީސް ކަމަށްވާ ސޯލްޓް ކެފޭ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކެމްޕެއިންގައި ބޭނުން ކުރާނެ ސްލޯގަންއާއި، ކެމްޕެއިން ހަރަކާތްތައް ބޭއްވުމަށް ޖަގަހަތައް ވެސް ވަރަށް އަވަހަށް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ރައީސް ސާލިހު ނިންމަވައި ކެމްޕެއިނަށް ތައްޔާރުވަމުންދާއިރު، ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. އަދި އެމަނިިފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ވަރަށް ފަހުން މާލޭގައި ކެމްޕެއިން ހަރަކާތްތަކާއި ގުޅޭގޮތުން ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.

ރައީސް ސާލިހު ވިދާޅުވެފައިވަނީ އެމްޑީޕީ އިން ރާއްޖޭގެ ވެރިކަމަށް ދެވަނަ ދައުރަކަށްދާއިރު، އެމަނިކުފާނަކީ އެންމެރަނގަޅު ޗޮއިސް ކަމަށެވެ.