ހއ. އިހަވަންދޫގައި މިހާރު މަސް ފެކްޓްރީއާއި އެން ފެކްޓްރީ އެބަހުރިކަމަށާއި، މި ސަރުކާރުންވީ ވައުދުތައް ނުފުއްދޭ ކަމަށްވިދާޅުވެ، އިހަވަންދޫ ދާއިއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބުދުﷲ (މުހައްމާ) ސަރުކާރަށް ޖޯކު ޖައްސަވައިފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީޕީއެމް މާލޭ ޖަގަހާގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމާ ވަނީ މިސަރުކާރާއި، ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ތަކުރާރުކޮށް ވައްކަމުގެ ތުހުމަތު އަޅުވާފައެވެ.
އޭނާ ވަނީ، ގައުމެއް ނެތް ކަމަށާއި، އެއީ އޭނާ އެކަނި ދަންނަވާ ވާހަކައެއްގެ ނޫންކަމަށް ވިދާޅުވެފައެެވެ.
''އެންމެ އާދައިގެ ނިކަމެތި މީހާ ވެސް މިއަދު މަގުމަތިން ދިމާވީމަ އަހަނީ މުހައްމާވޭ މި ޤައުމު އެބައޮތްހޭ، މާނައަކީ މި ޤައުމުގައި މިނިވަންކަން އެބަ އޮތްހޭ، ރައްޔިތުން މިތިބީ ތިބެންވީ ހިސާބުގައިހޭ، ރޮވިއްޖެ، ދެރަވެއްޖެ، އަޅުގަނޑުމެން ހަނާވެއްޖެ، ފަނާވެއްޖެ، އިންދިރާސްވެއްޖެ، މިއީ ލައްކަ ވާހަކަ'' މުހައްމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާ އަކީ އިހަވަންދޫ އަށް ނިސްބަތްވާ ބޮޑުތިލަދުންމަތީގެ މީހެއް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ކެމްޕެއިންގައި އެމަނިކުފާނުގެ އަރިހުގައި ދަތުރު ކުރެއްވި ކަމަށް ވިދާޅުވިއެވެ.
''އަޅުގަނޑުމެން ރަށު ކެޔޮޅު އިބްރާޙީމްބޭ ގުޅާފަބުނި މުހައްމާއޭ މިހާރު ވަރަށް ފަސޭހައޭ، މަ ބުނިން ކޮންކަމެއްހޭ، ކަލޯ މަސް ފެކްޓްރީ އެބަހުއްޓޯ، އިހަވަންދޫގައި އެބަހުއްޓޯ މިހާރު މަސްފެކްޓްރީ، އެން ވެސް އަޅާކަށް ނުޖެހޭ، ޓައްޕުޓައްޕަށް ހަމަ ދިރޭ އެން އަޅާފައި މަސް ފެކްޓްރީން އެން ފެކްތްރީން އެއޮށް ދޫކުރަނީ، ގެނައި ތަނެއް ވެސް ނޭނގެ،'' ސަރުކާރަށް ޖޯކު ޖައްސަވަމުން މުހައްމާ ވިދާޅުވިއެވެ.
އިހަވަންދޫގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލާއި ގުޅުވައިގެން ވެސް މުހައްމާ ރޭ ވަނީ ޖޯކު ޖައްސަވާފައެވެ. އޭނާ ވިދާޅުވީ، ''ބޭނުން ގަޑިއަކު އެ ހަސްފަތާލަށް ޑޮކްޓަރަށް ވެސް ދައްކާލަންވީ'' ކަމަށެވެ. ވެރިކަމުގެ ކުރީކޮޅު އެ ހޮސްޕިޓަލްގެ ބިންގާ އެޅިކަމަށާއި، އެހެންވީމަ އެ ހޮސްޕިޓަލުން މިއަދު ޚިދުމަތް ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މުހައްމާ ވަނީ، މަސްވެރިންނަށް ސަރުކާރުން ވީ ވައުދުތައް ނުފުއްދުނު ކަމަށާއި، އެކަމާހުރެ އިހަވަންދޫން ގިނަ މަސް ދޯނިތަކެއް މިހާރު ވިއްކާލާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!