ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

"ޖުޑިޝަރީ ފޮ ޖޫނިއާސް" ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިފަދަ ކޮންމެ ހާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމައިދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް ކަމަށެވެ.

Ad
rt

އެ ހައްގު ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދިނުމަށް އެކޮމިޝަނުން ކުރަނީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށާއި އެއީ ދަތި އުނދަގޫތަކުގެ ތެރެއިން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ މަސައްކަތެއްކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކަންމިހެން ހުރިއިރު ވެސް، އެކަން ކުރަނީ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ފަނޑިޔާރަކު ލިބޭނެކަން ޔަގީންކޮށްދިނުމަށް ކަމަށެވެ.

"ޖުޑިޝަރީއަށް ބޭނުންވަނީ ހަމައެކަނި ފަނޑިޔާރުންނާއި ލޯޔަރުންނެއް ނޫން. އެހެން ހުރިހާ ދާއިރާއެކޭ ވެސް އެއްގޮތަށް މި ދާއިރާއަކީ ވެސް ޓެކްނީޝަނުންނާއި މީޑިއޭޓަރުންނާއި، ސޯޝަލް ވޯކަރުން ބޭނުންވާ ދާއިރާއެއް. އައިޓީ ދާއިރާގެ ހުނަރުވެރިންނާއި ހިންގުންތެރިންނާއި ކޯޓު އޮފިސަރުން ވެސް ބޭނުންވޭ." ހިސާން ވިދާޅުވި އެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ މި ވޯކްޝޮޕަކީ ކުދިންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި މި ވޯކްޝޮޕް ނިމޭއިރު ކުދިން މި ދާއިރާއަށް ޝައުގުވެރިކަން އިތުރުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.