ގދ. ފަރެސްމާތޮޑާ، ކޮކާ، އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
މިއަދުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 9 ޖަހާއިރަށެވެ. އެހެންނަމަވެސް އަޑުއެހުން ކެންސަލްކުރީ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިއާއަށް ވަޑައިގެންފައިވާތީ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
2018 ވަނަ އަހަރުގެ އޯގަސްޓް 31 ވަނަ ދުވަހުގެ ރޭ އޭނާ މަރާލާފައި ވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު، އެމްއެމްއޭ ކައިރިން ނެވެ.
މި މައްސަލައިގާ މީގެ ކުރިން ވެސް ވަނީ ހެކިވެރިން ކޯޓަށް ހާޒިރުނުކުރެވި ގިނަ އަޑުއެހުންތަކެއް ކެންސަލް ކޮށްފަ އެވެ.
އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލާފައިވަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމް އެވެ. އަދި ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް އުފުލައިފާ ވަނީ ގަސްތުގައި މީހަކު މެރުމަށް އެހީތެރިވުމުގެ ދައުވާ އެވެ.
މީގެ ކުރިން ސީން އޮފް ކްރައިމްސް އޮފިސަރު އަޝްފާގް ހަސަން މީގެ ކުރިން ވަނީ އާގިލްގެ މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސްފައި ހުރި ކަމަށާއި ވާއަތު ބުމަޔާ ދިމާލުން ވެސް ބޮޑުކޮށް ކަނޑައިގެންގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!