އުރީދޫ މޯލްޑިވްސް އަކީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނިކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ޤަތަރުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް އެޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިއަދު އުރީދޫ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޢަޒީޒް އަލްއުޘްމާން ފަޚްރޫއާ، އުރީދޫ ގުރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގައި އެކުންފުންޏަކީ މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށާ، ދިވެހިރާއްޖެ އާއި ޤަތަރުގެ އާއްމު ތަރައްޤީގެ ބައިވެރިއެއްކަމުގައިވެސް ވިދާޅުވެފަ އެވެ.

އުރީދޫގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ޞިއްޙީ ދާއިރާއާ، ފައިދާހުރިކާނާއާ، އަންހެނުން ބާރުވެރިކުރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް، އުރީދޫއިން މޯލްޑިވްސްއިން ކުރައްވާ މަސައްކަތްތަކައް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ޑިޖިޓަލް ލިޓަރެސީ ޕްރޮގްރާމާއި، ޒުވާނުންގެ އުފެއްދުންތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގެ ގޮތުން ހިންގާ އެކްސެލެރޭޓަރ ޕްރޮގްރާމާއި، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާއި، ހުޅުމާލެ "ސްމާޓް ސިޓީ" އިނީޝިއޭޓިވްއާ ބެހޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

އުރީދޫއިން އެންމެ ފަހުގެ ޓެކްނޮލޮޖީ އާއިއެކު ޚިދުމަތްތައް ފުޅާކޮށް، އެކުންފުނީގެ ފަރާތުން ދިވެހި މުޖުތަމަޢަށް ފޯރުކޮށްދޭ އެހީތަށް އިތުރުވެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖެ އާއި ޤަޠަރާއި ދެމެދު އޮތް ބަދަހިގުޅުމާއި، ޢިތުބާރާއި، އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ މި ބައްދަލުކުރެއްވުމުގައި ރައީސް ވާހަކަފުޅުދައްކަވާފައިވެ އެވެ.