މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ.
ނާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ، އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް މިއަދު ފޯމު ހުށަހަޅުއްވާފައިވާކަމަށް ވިދާޅުވެފައެވެ.
ފޯމު ހުށަހެޅުއްވުމަށްފަހު ނާޒިމް ވިދާޅުވީ، އެމްއެންޕީއަކީ ރައްޔިތުންނަށް އޮތް އައު އުންމީދެއް އަދި ފުރިހަމަ އައު ވިސްނުމެއް ކަމަށެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނާޒިމް ފޯމް ހުށަހެޅުއްވިއިރު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
އެމްއެންޕީ އަކީ ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އިސްވެ ތިއްބަވައިގެން އުފައްދަވާފައިވާ ޕާޓީ އެކެވެ. އެމްއެންޕީ ރަޖިސްޓަރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނީ 25 ނޮވެމްބަރު 2021 ގައެވެ.
އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ބައެއް ޕާޓީތަކުން ކުރަމުން އަންނައިރު، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވަނީ އެޕާޓީގެ ރައީސް، ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމަށް ދީފައެވެ. އެންމެ ބޮޑު ޕާޓީ އެމްޑީޕީއިން އަދި ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް ފައިނަލްކޮށްފައި ނުވާއިރު، ޖޭޕީން ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކަމަށް ބުނެފައެވެ. އަދި އެމްޑީއޭއިން އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށައި، އެ ޕާޓީގެ ލީޑަރު، މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުޙައްމަދު އިންތިޚާބުގައި ވާދަކުރާނެ ކަމަށް އަންނަނީ ބުނަމުންނެވެ. އެހެން ސިޔާސީ ޕާޓީތަކުގެ ތެރެއިން ކުރީގެ ރައީސް، މައުމޫން އަބުދުލްޤައްޔޫމް އިސްވެ އުފެއްދެވި އެމްއާރްއެމްއިން ވަނީ މިހާރު ހަރަކާތްތައް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!