ކޮރަޕްޝަނަށް މަގުފަހި ނުވާނޭގޮތް ހެދުމަށް އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން މިކަން ހާމަކުރައްވައި، ނެރުއްވި އިއުލާނެއްގައި ވަނީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރާ އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު މިއަދުން ފެށިގެން އާންމުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިއީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރާ އުޅަނދުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުންނާއި ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރުމުގެ ގޮތުން ނިންމި، ނިންމުމެއް ކަމަށް ވެސް ވިދާޅުވެ އެވެ. އަދި އެއްވެސް ފަރާތަކުން ގަވާއިދާ ހިލާފު އަމަލެއް ހިންގިޔަ ނުދިނުމަަށް ކަމަށް ވެސް ވިދާޅުވި އެވެ.
ވެހިކަލް ރަޖިސްޓްރީ ނަމްބަރުތައް އާންމުކުރަމުން ގެންދާނީ ޓްރާންސްޕޯޓުގެ ވެބްސައިޓުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އެ މިނިސްޓްރީން މިގޮތަށް ނިންމާފައިވާއިރު، ޓްރާންސްޕޯޓުން ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކޮށްދޭ މައްސަލަ މިފަހުން ވަނީ ފެންމަތިވެ، ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.
މިކަމުގެ ސަބަބުން އެ މިނިސްޓްރީން، އެ މައްސަލަ ބަލައި، ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީއަށް ފިޔަވަޅު އަޅައިދިނުމަށް އެދި މިނިސްޓަރ އައިޝަތު ނަހުލާ ވަނީ ރައީސް އަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ބައެއް ވެހިކަލްތަކުގެ ރަޖިސްޓްރީ ޓްރާންސްޕޯޓުން މީގެ ކުރިން ބާތިލުކޮށްފައިވާއިރު، އޭގެތެރެއިން ބައެއް ފަރާތްތަކުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.
އެހެންވެ، ސިވިލް ކޯޓުން ނެރުނު އެ މައްސަލައިގެ ވަގުތީ އަމުރުގައި ވަނީ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރުން މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.
ސިވިލް ކޯޓުގެ އެ ވަގުތީ އަމުރު ޓްރާންސްޕޯޓުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!