އަބޫބަކުރު ފައިސަލް، ހައްޔަރުކޮށްފައިވާ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނުނީ މިރޭ 23:15 ހާއިރު ކަމަށެވެ.

Ad
rt

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެޗްއާރުސީއެމް އަދި ނެޝަނަލް އިންޓަރގުރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދު މީހުން ބަހައްޓާ ގޮޅިއެއްގައި އޭނާ އަމިއްލައަށް މަރުވާ މަސައްކަތް ކޮށްފައިވަނީ ބެޑްޝީޓެއް ބޭނުންކޮށްގެންނެވެ.

ހދ. ނޮޅިވަރަންގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އަބޫބަކުރު ފައިސަލް، ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ.

ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުޙައްމަދުގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލްގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ނިޝާމާ ދިރިއުޅުނު ނޮޅިވަރަމް ހިތައްފިނިވާގޭ ކޮޓަރި ތެރޭގައި ހޭނެތިފައި އޮއްވައި ފެނުނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ 12:30 ގައި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ނިޝާމާ މުޙައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.