ގދ. ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މާލެ ވަޑައިގެންފި އެވެ.

އެމަނިކުފާނު، އެރަށަށް ވަޑައިގެންނެވީ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

Ad
rt

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ފަރެސްމާތޮޑާއަށް ވަޑައިގެންނެވީ، އާދީއްތަ ދުވަހުގެ މެންދުރު އެވެ.

މިދަތުރުފުޅުގައި ފަރެސްމާތޮޑާ ކައުންސިލާއި އ.ތ.މ ކޮމިޓީއާއި ހުވަދޫ ސްކޫލުގައި ފަރެސްމާތޮޑާއާއި ހުވަދު އަތޮޅުގެ މަސްވެރިންނާއި އޮޑިވެރިންނާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. މިބައްދަލު ކުރެއްވުމުގައި، މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑު އައްސަވައި، އެކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ރައީސް ވަނީ ހިއްސާ ކުރައްވާފަ އެވެ.

މީގެ އިތުރުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ފަރެސްމާތޮޑާގައި ކުރިޔަށްގެންދިޔަ، "މަސްވެރިކަމުގެ އެކްސްޕޯ 2022" އަށް ޒިޔާރަތްކުރައްވައި އެ އެކްސްޕޯގެ ސްޓޯލްތައް ބައްލަވައި ލައްވައި މައުލޫމާތު އޮޅުން ފިލުއްވެވި އެވެ. އަދި، މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އެރަށުގައ ދެ ޖިންސަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މަސްކެނޑުމުގެ މުބާރާތް ވެސް ޝަރަފްވެރިކޮށްދެއްވައި އެމުބާރާތް ހިނގަމުން ދިޔަގޮތް ބައްލަވާލެއްވި އެވެ.

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ކަމަކަށް އޮތީ މަސްވެރިންގެ ދުވަހުގެ ޖަލްސާ އެވެ. އާދީއްތަ ދުވަހުގެ ރޭ ފަރެސްމާތޮޑާގެ ބަނދަރު ސަރަހައްދުގައި ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވާނޭ ކަމުގެ ޔަޤީންކަން ދެއްވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ވާހަކަފުޅު ދެއްކެވި އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ގދ. ފަރެސްމާތޮޑާގައި ފާހަގަކުރުމަށް، ފިޝަރީޒް މިނިސްޓްރީ އާއި، ފަރެސްމާތޮޑާ ކައުންސިލުން ގުޅިގެން ވަނީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.