މަސްވެރިކަން ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އެޅިޔަސް، މަސްވެރިންގެ ޝަކުވާތަކަށް ތަސައްލީއެއް ލިބެން ވަގުތުކޮޅެއް ނަގާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ވަޒީރު ވަނީ މަހުގެ ކޮލިޓީ އަދިވެސް ނިސްބަތުން ދަށްވުމުން މަސްވެރިކަމުން ހަމަ އަގު ހޯދަން ރޯ މެޓީރިއަލްގެ ގޮތުގައި މަސް އެކްސްޕޯޓުކުރާ ވަރު މަދުކުރުން ނުވަތަ ހުއްޓާލައި، މަތީ އަގު ލިބޭ ގޮތަށް އެ އުފެއްދުންތައް އުފައްދައި އެކްސްޕޯޓު ކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަމުން ލިބެމުން އައި ޕްރިމިއަމް އަގު ގެއްލިގެން ދިޔަ ކަމަށާއި އެ ކަން އެހެން ދިމާވަނީ، ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މީގެ ސަބަބުން އެހެން ގައުމުތަކަށް ރާއްޖެ އަށް ވުރެ އިމްޕޯޓު މާކެޓުތަކަށް މަސް ވިއްކޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ސަބަބުތަކާ ހެދި ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރުމަށް ހުރަސް އެޅިފައި އެބަހުރި. މަތީ އަގު ލިބޭ މާކެޓުތަކަށް މަސް އެކްސްޕޯޓް ކުރުމުގެ އެކްސެސް ނުލިބޭ. އެކަމަކު، ހަމަ އަގު ހޯދައިދިނުމަށް ޔޫރަޕުން ޑިއުޓީ ނަގާ ވަރު ކުޑަކުރަން ކުރާ މަސައްކަތަށް ވަނީ އަލިމަގެއް ފެނިފަ." ވަޒީރު ވިދާޅުވި އެވެ.

ހަމަމިއާއެކު ޑރ. ހުސައިން ވަނީ އިންޑިއާ ކަނޑުން ބާނާ މަހުގެ ސްޓޮކް މަދުވާތީ، މަސްހިފާ ވަރު ކޮންޓްރޯލް ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ހާއްސަކޮށް ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށާއި ކަންނެލީގެ ސްޓޮކް އަނބުރާ އިޔާދަކުރުމަށް އެ ވައްތަރުގެ މަސް ބާނާ ވަރު 22 ޕަސެންޓް މަދުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، މަހުން ސީދާ ދިވެހިންނަށް ފައިދާ ވާނެ ގޮތް ހެދުމަށް ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަ ކަމަށާއި ރާއްޖޭގައި މިހާރު މަސް އެކްސްޕޯޓު ކުރާ ގޮތަށް ބަލާއިރު، މަސްވެރިކަމުގައި ބޮޑު ފައިދާއެއް ވަނީ ތައިލެންޑާއި އިރުމަތީ އޭޝިއާގެ ގައުމުތަކަށްކަން ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް އެކަން ބަދަލުކޮށް، ދިވެހިން ބާނާ މަހުން ސީދާ ދިވެހިންނަށް ފައިދާވާނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.