ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ސްކީމެއް ޑާވިން ކެފޭއިން ތައާރަފުކޮށްފި އެވެ.

މި ކެފޭ ވަނީ އެފަދަ ފަރާތްތަކަށް ފަސޭހައިން ވަދެ ނުކުމެ އުޅެވޭ ގޮތަށް ފަރުމާ ކޮށްފައެވެ. އަދި ފާހަނާތައް ވެސް ހުންނާނީ އެ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަކަށް ފަރުމާކޮށްފަ އެވެ.

Ad
rt

ނުކުޅެދޭ މީހުންނަށް ދޫކުރާ ޕީޑަބްލިޔުޑީ ކާޑު އޮންނަ މީހުންނަށް، އެ މީހުން ހޯދާ ހިދުމަތްތަކުން، ފަސް ޕަސެންޓްގެ ޑިސްކައުންޓެއް މި ސްކީމުން ލިބޭއިރު، އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންނަށް ވެސް، ކެފޭގައި ތިބެގެން ކެއުމަށާއި ކާއެއްޗެހި ޕެކް ކޮށްގެން ގެންދިޔުމަށް ވެސް މި ސްކީމުގެ ބޭނުން ހިފޭނެ އެވެ.

ޑާވިން ކެފޭ

އެ ސްކީމް ތައާރަފު ކުރުމަށް ޑާވިން ކެފޭގައި ބޭއްވި ހާއްސަ ހަފުލާގައި ޖެންޑަރ މިނިސްޓްރީއާއި ޔޫއެންޑީޕީ އާއި ޑިސްއެބްލިޓީ ކައުންސިލާއި ޕެރަލެމްޕިކް ކޮމެޓީ އާއި ވެލްނަސް އެސޯސިއޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސެބިލިޓީސްގެ މެމްބަރުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ މީހުންގެ އާއިލާގެ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވި މިކެފޭ ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގަ އެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.

އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފުރުސަތުތައް ހުޅުވާލުމެވެ. އަދި ތަފާތު ސްކީމްތައް ތައާރަފު ކުރުމުގެ ޖޯޝާއި ހިތްވަރު އެ މީހުންނަށް ވެސް ގެނައުމެވެ.

މިއީ ނުކުޅެދޭ މީހުންނަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ގޮތަށް، ދިވެހި ރެސްޓޯރަންޓަކުން މިފަދަ ސްކީމެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.