‏42 ވަަނަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ސަރުކާރުން ކުރިއަށް ގެންދާ މަސްވެރިންގެ ފޯރަމް ފަށައިފިއެވެ.

އެ ފޯރަމް މިއަދު ފަށާފައި ވަނީ، މިއަހަރު ރާއްޖޭގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ސަރުކާރުން ފާހަގަކުރަން ނިންމާފައިވާ ގދ. ފަރެސްމާތޮޑާގައިއެވެ.

Ad
rt

މަސްވެރިކަމާއިބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، 42 ވަަނަ މަސްވެރިންގެ ދުވަހުގެ އިޙްތިފާލުތަކުގެ ތެެރެއިން ހިމެނޭ މަސްވެރިންގެ ފޯރަމް މިއަދު ފަށާފައިވާ ކަމަށެވެ.

މި ފޯރަމްގައި ރާއްޖެގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ސިނާއަތުގެ ފަންނީ މާހިރުން ބައިވެރިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ފޯރަމްގައި މަސްވެރިކަމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.