ރަށްރަށުގައި ރިނިއުވަބަލް އެނާޖީ ޓެކްނޮލޮޖީ ގާއިމު ކުރެވޭނެ މަގުތައް ހޯދުމަށް ބޭނުންވާ ކަމަށް އެންވަޔަރމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ހުޅުލެ-ހުޅުމަލެ ލިންކް ރޯޑްގައި 5 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ޝައުނާ ވިދާޅުވީ ސޯލާ ޕީވީ އަކީ އެންމެ ހަރަދު ކުޑަ އަދި ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިންވެސްޓު ކަމަށެވެ. އަދި ރާއްޖޭގައި ރިނިއުބަލް އެނާޖީ ޓެކްނޮލޮޖީ އިތުރުކޮށް، ރަށްރަށުގައި މި ޓެކްނޮލޮޖީ ގާއިމު ކުރެވޭނެ މަގުތައް ހޯދުމަށް ބޭނުންވާ ކަމަށާއި އެކަން ގާއިމުކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެނާޖީ ސެކްޓަރ އަށް ކުދި ރަށްރަށުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ އޯޝަން ތާމަލް އެނާޖީ އާއި އޯޝަން ކަރަންޓް އެނާޖީ ފަދަ ޓެކްނޮލޮޖީތައް ވެސް މުހިންމު ކަމަށެވެ. އަދި ގްރީނާ އިކޮނޮމީއަކަށް ބަދަލުވުމަށް، ފައިނޭންސް ހޯދުމަށް ޕްރިއިވެޓް ސެކްޓަރާއި އެކުގައި މަސައްކަތް ކުރައްވާ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.
2030 ނިޔަލަށް ނެޓް ޒީރޯ ގައުމަކަށްވުމަށް ސަރުކާރުން އަމާޒުހިފާފައިވާއިރު، ރާއްޖެއަކީ ނާޒުކު ގައުމެއް ކަމަށާއި މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކުގެ ލިބެން ހުރި ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ސޯލާ ޕީވީ ނިޒާމަކީ މިއީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެސްޕަޔަރގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ، ހުޅުމާލޭގައި 5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް ހުޅުވާލުމުން 21 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. މި ފަރާތްތަކުގެ ތެރެއިން މި މަސައްކަތުގެ ބީލަން ކާމިޔާބު ކުރީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުން ނެވެ.
އެންސިސް ކޯ ލިމިޓެޑުންވަނީ ސޯލަރ ޕީވީ ޖެހުމަށް ލިންކް ރޯޑްގު މެދުގައި އޮންނަ އައިލެންޑް ސަރަހައްދާއި އިރުމަތީ ފަރާތު މޫދާވީ ފަޅިގައި ސްޓީލް ސްޓަރކްޗަރ އެއް ގާއިމުކޮށްފަ އެވެ. މި ސްޓަރަކްޗަރގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފަށާނެކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގެ 2 ވަނަ ކުއާރޓަރ ނިމުމުގެ ކުރިން ނެވެ.
މިއީ ރާއްޖޭގައި މިހައިތަނަށް އެއް ކޮންޓެރެއްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލަރ ޕީވީ ނިޒާމެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ފަހަރެވެ. މިކަމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް މިނިސްޓްރީން އަންދާޒާކުރައްވަ އެވެ.
މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށް ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ތެލަށް ކުރާ ހޭދައިން ކުޑަކުރެވޭނެ ކަމަށް ވެސް ވަނީ އަންދާޒާ ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!