ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު އެންގޯލާއަށް ރޭ ފުރާވަޑައިގެންފިއެވެ.

ޝާހިދުގެ މި ދަތުރުފުޅަކީ، ރައީސް ސާލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުފުޅެއްކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.

Ad
rt

އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ މި ސަމިޓަކީ "ތިން ބައްރުގެ، ތިން ކަނޑުގެ، އެއް މަންޒިލަށް: އޯ.އޭ.ސީ.ޕީ.އެސް މިހާރަށްވުރެ ދެމެހެެއްޓެނިވި، އަދި ވިލުންވެރިކަމާއި ދިމާއަށް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ސަމިޓެކެވެ.

''މިސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ އިސްވެރިން އޯ.އޭ.ސީ.ޕީ.އެސް ގެ ފުރިހަމަ މެންބަރަކަން ވުމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށައެޅުން ޤަބޫލު ކުރައްވައި، އެޖަމުޢިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ދެއްވާނެ ކަމަށް ބެލެވޭ'' ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އޯ.އޭ.ސީ.ޕީ.އެސްގެ އޮބްޒާވަރެއްގެ ހައިޞިއްޔަތު ރާއްޖެއަށް ލިބިފައިވާއިރު، ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 27އިން 28އަށް ބޭއްވި އެޖަމުޢިއްޔާގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި އެޖަމުޢިއްޔާގެ ހުރިހާ މެމްބަރު ޤައުމުތަކުން ވަނީ، އޯ.އޭ.ސީ.ޕީ.އެސް ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށައެޅުމަށް ތާޢިދުކުރައްވާކަން ހާމަކުރައްވާފައެވެ.

މިދަތުރުފުޅުގައި ހާރިޖީ ވަޒީރު ޝާހިދުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.