ޕާކިސްތާނުން އިން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވިގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި ޕާކިސްތާންގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

Ad
rt

އެމީހާއަކީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހެކެވެ.

އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17.26 ކިލޯ ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގު 21,000,000.00 (އެކާވީސް މިލިއަން) ރުފިޔާއަށް އަރައެވެ.

މިއީ މިބާވަތުގެ މަސްތުވާތަކެތި ކަސްޓަމްސްއިން މިއަހަރު އަތުލައިގަތް 6 ވަނަ ފަހަރު ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި މިއަހަރުގެ މިހާތަނަށް އެ އިދާރާގެ މަސައްކަތުން 55.405 ކިލޯގެ ހިރޮއިން އަތުލައިގަނެވިފައިވާ ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއްވައެވެ.

މި މައްސަލާގައި ހިމެނޭ މީހާ އާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަަމަށްވެސް ކަސްޓަމްސްއިން ހާމަކުރަށްވަ އެެވެ.