ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން މިއަހަރު އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބާއްވަވާ ޖަލްސާ، އަންނަ އަހަރުގެ ފެބުރުވަރީމަހު ބާއްވަވާގޮތަށް ހަމަޖައްސައިފިއެވެ.

މި ޖަލްސާ ބާއްވަވާގޮތަށް ކުރިން ނިންމާފައި ވަނީ، މި ޑިސެންބަރު މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރު މަޖަލްސާ ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

Ad
rt

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.

ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރުމުގެ އިނާމަށް އެދި މިއަހަރު 110 ބޭފުޅަކު ނަން ހުށަހަޅުއްވައިފައިވާކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ދައުލަތުން ދެއްވަ އިނާމުތައް ދެއްވާނެ ބޭފުޅުން ކަނޑައަޅުއްވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން މިދިޔަ އަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.