މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މައުލޫމާތު ހާމަކުރަމުްނދާތީ އެކަމުގެ ކަންބޮޑުވުން އެ އޮތޯރިޓީން ފާޅުކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު ގެ 7 ވަނަ މާއްދާގެ (ބ) އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެ އޮތޯރިޓީ އާ ހާވާލުކުރެވިފައި ވާ ގާނޫނީ ޒިއްމާއެއް ކަމަށެވެ. އަދި އެކި ފަރާތްތަކުން ހާސިލުކުރާ ސަނަދުތަކަކީ ގަބޫލުކުރާ ސަނަދުތަކަކަށް ވާންޖެހޭ ކަމަށެވެ.
ރާއްޖެއިން ބޭރުން ހާސިލުކުރާ މަތީ ތައުލީމުގެ ސަނަދުތައް އެ އޮތޯރިޓީއަށް ހުށަހަޅައި، ގަބޫލުކޮށް އެކަމަށް ހާއްސަ ތައްގަނޑު އެ އޮތޯރިޓީން ޖަހައި ވެލިޑޭޓް ކޮށްފައި ވާ ސަނަދުތަކަކަށް ވާން ޖެހޭ އިރު، ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ދިނުމުގައި ބަލައިގަންނަނީ އެ އޮތޯރިޓީން ގަބޫލު ކޮށްފައިވާ ސަނަދުތައް ކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން އެ އޮތޯރިޓީން ގަބޫލުކުރާ ސަނަދެއްކަން ކަށަވަރު ނުކޮށް ބައެއް ސަނަދުތަކުގެ މައުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެފަދަ ސަނަދުތަކުގެ ތެރޭގައި އެ އޮތޯރިޓީން ގަބޫލު ނުކުރާ ކަމަށް އާންމުކޮށް އިއުލާން ކޮށްފައިވާ ސަނަދުތަކާއި ސަނަދުތައް ގަބޫލު ކުރުމުގެ އުސޫލުތަކުގެ ދަށުން އެކި ސަބަބުތަކާހުރެ ގަބޫލު ނުކުރެވޭ ފަދަ ސަނަދުތައް ވެސް ހިމެނޭ ކަމަށް ވިދާޅުވެފައި ވެއެވެ.
އެމްކިޔުއޭ އިން ވަނީ މުއައްސަސާތަކުންނާއި ސަނަދު ހާސިލު ކުރާ ފަރާތްތަކުން އެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!