މަސައްކަތު ގަޑިތަކުގައި ޕޯސްޓުގެ ޚިދުމަތް ހޯދުމަށް އެކި ސަބަބުތަކާހުރެ ޕޯސްޓަށް ޒިޔާރަތް ނުކުރެވޭ ކަސްޓަމަރުންނަށް ވެލާނާގޭގައި ހުންނަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޕޯސްޓް ޝޮޕުން ހެނދުނު 08:00ން ރޭގަނޑު 22:00އަށް ޕޯސްޓްގެ ޙިދުމަތް ލިބެއެވެ.

އެތަނުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އިންޓަނޭޝަނަލް ރެޖިސްޓަޑް، އޯޑިނަރީ އަދި އީއެމްއެސްގެ ޚިދުމަތް ހިމެނެއެވެ. އަދި ޑޮމެސްޓިކް މެއިލްގެ ހިދުމަތް ވެސް ހިމެނެއެވެ.

Ad
rt

އެކްސްޕްރެސް މެއިލް ގެ ޚިދުމަތް ނުވަތަ އީއެމްއެސް އަކީ ރާއްޖެއިން ބޭރަށް ޕެކޭޖްތައް ޕޯސްޓް ކުރުމަށް އިތުބާރު ކުރެވޭ، އަވަސް އަދި ހަރަދު ކުޑަ ޕޯސްޓަލް ޚިދުމަތެކެވެ.

އީއެމްއެސް ޕޯސްޓުގެ މަންޒިލްތަކުގެ ތެރޭގައި އެމެރިކާ އާއި ނޭޕާލާ މެލޭޝިއާ އާއި އޮސްޓްރޭލިއާ އާއި، އިނގިރޭސިވިލާތާއި، ޖަޕާނާއި، ސިންގަޕޫރާއި، ޔޫއޭއީ އާއި، އިންޑިއާ އަދި ޗައިނާ ހިމެނެއެވެ.
އީއެމްއެސް މެދުވެރިކޮށް ފޮނުވާ ތަކެތި ރަސްމީ ތިނެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ފޮނުވާނެއެވެ. މި ހިދުމަތް ހޯދާފަރާތްތަކަށް ޓްރެކިންގެ ޒަރިއްޔާއިން އައިޓަމްގެ އަޕްޑޭޓް ބަލާލެވޭނެއެވެ.

ޕޯސްޓު ކުރާ ތަކެތި ހުންނަންވާނީ ޕެކިން ސްޓޭންޑަޑާއި އެއްގޮތަށް ރަނގަޅަށް ޕެކްކުރެއްވުމަށް ޕޯސްޓު ލިމިޓެޑުން އިލްތިމާސް ކުރެއެވެ. އަދި ޕޯސްޓު ކުރެވޭ ތަކެތީގެތެރޭގައި ހިމެނޭ ކާބޯތަކެތީގެ ކޮންމެ ބާވަތެއްވެސް ރަނގަޅަށް ޕެކްކޮށްފައި ހުންނައިރު، އެ ޕެކޭޖިންގައި ހިމެނޭ އިންގްރިޑިއަންޓް ލިސްޓު ފާހަގަކުރުމަށްވެސް ޕޯސްޓުން ކަސްޓަމަރުންނަށް އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، އީއެމްއެސްގެ އަދި ޑޮމެސްޓިކް މެއިލް މެދުވެރިކޮށް ޕޯސްޓު ކުރަން ބޭނުންވާ ތަކެއްޗަށް އަރާނެ ޕޯސްޓެޖް ފީ ޔަގީންކޮށްލުމަށް ޕޯސްޓް ވެބްސައިޓްގައިވާ ޕޯސްޓޭޖް ކަލްކިއުލޭޓަރު މެދުވެރިކޮށް ޕޯސްޓެޖް ފީ ގުނާލެވޭނެއެވެ. އަދި އީއެމްއެސް މެދުވެރިކޮށް ތަކެތި ޕޯސްޓު ކުރެވޭނެ ގައުމުތަކުގެ މައުލޫމާތުވެސް އެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.