ސިޔާސީ ޕާޓީތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ޕާޓީތަކާ ނުގުޅި ގިނަ ބަޔަކު ތިބެނީ ސިޔާސީ ކަންކަން ހިނގާ ގޮތުން ހިތްހަމަނުޖެހިގެން ކަމަށް ގަބޫލުކުރެވޭ ކަމަށް މޯލްޑިވްސް ރިޕޯމް މޫވްމަންޓް ޕާޓީ (އެމްއާރްއެމް) ގެ ރައީސް، އަދި ދިއްގަރު ދާއިރާގެ ކުރީގެ މަޖިލީސް މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ވަރަށް ތައުލީމީ، ވަރަށް ގާބިލު، ކަމަށް އެކަށީގެންވާ ދިވެހި ޒުވާނުން އެބަތިބި ކަމަށާއި ދައުލަތުގެ ކަންކަން ނިންމަން ތިބޭ އެންމެ އިސް މީހުންނަށް ވާން ޖެހޭނީ ގައުމުގެ އެންމެ ގާބިލު މީހުން ކަމަށެވެ. އަދި ގައުމަށް ހިދުމަތް ކުރުމުން އެމީހުން މަހުރޫމުވެފައި އޮންނަނީ ސިޔާސީ ކަންކަމުގެ ސަގާފަތް މިހާރު އޮތް ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް ވަންނަން ބޭނުންނުވާ މީހުންނަށް އެޕާޓީތަކާއެކުގައި ހަރަކާތްތެރި ވެވޭނެ މަގެއް ހޯދުމަށް އެމްއާރްއެމް އިން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި، ދައުލަތުގެ މުއައްސަސާތަކާއި ދައުލަތުގެ އިސް ފަރާތްތަކާ މަޝްވަރާކޮށްގެން ކަންކަން އިސްލާހު ކުރުމަށް އީސީން ވެސް މަސައްކަތް ކުރަމުންދާކަން ފާރިސް ފާހަގަ ކުރެއްވި އެވެ. އަދި ބައެއް އިސްލާހުތައް ގެނައުމަށް މިހާރު ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އޭގެ ތެރެއިން ބައެއް އިސްލާހުތައް މިހާރުވާނީ އެޓާނީ ޖެނެރަލާ ވެސް ހިއްސާކޮށްފަ. ބައެއް ކަންކަމަކީ ގާނޫނު އިސްލާހު ކުރަންޖެހޭ ކަންކަމަށް ވާތީ އެކަންކަން އަދިވެސް ހުރީ ނުހިނގާ. އެހެންވީމަ އަޅުގަނޑުމެން އެދުނިން އެކަންކަން އަވަސް ކުރެވޭނެ ގޮތެއް ހޯއްދަވައިދެއްވުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް" ފާރިސް ވިދާޅުވި އެވެ.
މީގެ އިތުރުން އީސީ އަކީ މިނިވަން މުއައްސަސާއެއް ކަމަށާއި އެ ކޮމިޝަނުން ވެސް އެންމެ ފުރަތަމަ ޖަވާބުދާރީ ވާންޖެހޭނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި ޖަވާބުދާރީވާން ޖެހޭނީ އިސް ޕާޓީއަކަށް ނުވަތަ ބޮޑު ޕާޓީއަކަށް ނުވަތަ ދައުލަތުގެ ވަކި އެހެން މުއައްސަސާއަކަށް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!