ޕާކިސްތާން ކަލްޗަރަލް ނައިޓް އިފްތިތާހު ކޮށްފި އެވެ.
މިއީ، މި އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން އިންތިޒާމުކުރި ހަރަކާތެކެވެ.
މެންހެޓަން ބިޒްނަސް ހޮޓެލްގައި އިންތިޒާމުކުރި ޕާކިސްތާން ކަލްޗަރަލް ނައިޓް، އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ ޢާއިޝަތު ނަހުލާ އެވެ.
ބީސީއެމް އިން ވިދާޅުވީ ޕާކިސްތާނުގެ ސަގާފަތް ދައްކުވައިދޭ ފަންޑް ރެއިޒިންގ މި އިވެންޓްގައި 80 ޓިކެޓް ވިކިފައިވާ ކަމަށެވެ.
އިންޑިއަން ސަބްކޮންޓިނެންޓްގެ ރަހަތައް ހިމެނޭ ޑިނަރ އަކާއި ޕާކިސްތާނުގެ ސަގާފަތާއި އަތްތެރި މަސައްކަތް ދައްކުވައިދޭ ތަކެތި ހިމެނޭ މައުރަޒެއް ވެސް ކުރިއަށްގެންގޮސްފައި ވެއެވެ. އަދި އުރުދޫ މިއުޒިކާއި ލަވަތައް ހުށަހަޅައިދިނުމާއި ޕާކިސްތާނުގެ ސަގާފީ އެކި ކަހަލަ ހެދުންތައް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
ޕާކިސްތާން ކަލްޗަރަލް ނައިޓްގެ ޓިކެޓުތައް ވިއްކައިގެން ލިބިފައިވާ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް ބޭނުންވާ ސެނިޓަރީ ތަކެއްޗާއި، ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ.
މި ހަރަކާތުގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޒް އެކްސެލެންސީ ވައިޒް އެޑްމިރަލް (ރ) މުޙައްމަދު ފައްޔާޒް ގިލާނީއާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އަދި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ބައިވެރިވެވަޑައިގެންނެވި އެވެ.
ބީސީއެމްއަކީ 26 ޑިސެންބަރު 2021ގައި ޕާކިސްތާނުގެ ކުރީގެ ސަފީރު ހިޒް އެކްސެލެންސީ އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރު އިފުތިތާހު ކޮށްދެއްވި ޖަމުޢިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!