ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލްއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބްރެޒިލް ޖާގަ ހޯދައިފިއެވެ.

ރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ބްރެޒިލް ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފައެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ މޮޅަށް ކުޅެ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ފަހިކޮށްފައެވެ.

މެޗުގެ ފުރަތަމަ 7 ވަނަ މިނެޓުގައި ބްރެޒިލްއަށް ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސްއެވެ. މި ލަނޑަކީ ރަފީނިއާ ކޮރެއާގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ މަތީކަނަށް ފޮނުވާލައިގެން ވިނީސިއަސް ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

މެޗުގެ ދެވަނަ ލަނޑު 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ނޭމާއެވެ. މި ޕެނަލްޓީ ބްރެޒިލްއަށް ލިބިފައި ވަނީ ކޮރެއާގެ އޭރިއާތެރެއިން އެ ޓީމްގެ ޑިފެންޑަރ މިން ޖައި ކިމް ރިޗާލިޝަންއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. މިއީ ނޭމާ ގައުމީ ޓީމަށް ޖަހައި ދިން 76 ވަނަ ލަނޑެވެ. ނޭމާގެ މި ލަނޑާއިއެކު، ބްރެޒިލްގެ ލެޖެންޑް ޕެލޭ ގާއިމު ކޮށްފައިވާ ރިކޯޑާ ހަމަ ކުރަން ބޭނުން ވަނީ އެންމެ ގޯލެކެވެ. ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 77 ލަނޑު ޖަހައިފައެވެ.

ބްރެޒިލްގެ ތިންވަނަ ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރިޗާލިޝަންއެވެ. ރިޗާލިޝަން މި ލަނޑު ޖަހާފައި ވަނީ އޭނާއާއި ނޭމާގެ އިތުރުން ތިއާގޯ ސިލްވާ ގުޅިގެން އުފެއްދި ހަމަލާއެއްގައެވެ.

ފުރަތަމަ ހާފު ބްރެޒިލުން ނިންމާލީ ހަތަރު ލަނޑުގެ ލީޑަކާއި އެކުގައެވެ. މެޗުގައި ބްރެޒިލްގެ ހަތަރުވަނަ ލަނޑު 36 ވަނަ މިނެޓުގައި ވިނީސިއަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލޫކަސް ޕަކުއޭޓާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކޮރެއާގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް ފަހު ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ކޮރެއާއިން ލަނޑު ޖަހާނެ ފުރުޞަތު ވެސް ހޯދިއެވެ. ނަމަވެސް އެ ހަމަލާތައް ހުއްޓުވުމުގައި ބްރެޒިލްގެ ކީޕަރ އެލިސަންގެ މޮޅު ކުޅުން ވަނީ ފެނިގެން ގޮސްފައެވެ. މިހާފުގައި ބްރެޒިލްގެ ރަފީނިއާއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ތިން ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ.

މެޗުގައި ކޮރެއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާފައި ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ޕާކް ސެންގް ހޯއެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާ ގޯލްގެ ތެރެއަށް ވައްދާލީ ކީޕަރު އެލިސަން އަށް އެއްވެސް ފުރުސަތެއް ނުދީއެވެ.

ކުއާޓާ ފައިނަލްގައި ބްރެޒިލް ބައްދަލު ކުރަން ޖެހޭނީ ކްރޮއޭޝިއާ އާއެވެ.