ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ފުރަތަމަވެސް ކަމާބެހޭ ތަޖްރިބާކާރެއްގެ ފަރުވާ ހޯދުމުގެ ކުރިން، ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ހޯދުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ކިހިނެތް" ކެމްޕެއިން އިފްތިތާހްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad
rt

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ފުރަތަމަވެސް ކަމާބެހޭ ތަޖުރިބާކާރެއްގެ ފަރުވާ ހޯދުމުގެ ކުރިންވެސް ކުރެވިދާނެ ބައެއްކަންކަންހުރިކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ހޯދުމާއި އިޖްތިމާއީ ބަދަހިކަން މިކަމުގައި އަދާކުރާ މުހިންމު ރޯލު ފާހަގަކުރެއްވި އެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައި އަދި މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ އެންމެ ފަރުދަކު ވެސް ބާކީ ނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށްކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ނަފްސާނީ ހާލަތެއް މެދުވެރިވާކަމުގެ އަލާމާތްތައް އޭގެ ކުރީކޮޅުގައި ދެނެގަތުމާއި އެންމެ ކުރީކޮޅުގައި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދައި ފަރުވާ ދޭން ފެށުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން މި ކެމްޕެއިނަކީ ވެސް މި ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ބައެއްކަމަށާއި ނަފްސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ވެސް ވަނީ އަލިއަޅުވާލައްވާފަ އެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގައި ގާއިމުކުރި ނަފްސާނީ ފަރުވާ ދޭ ފުރަތަމަ މަރުކަޒު "ސެންޓަރ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މާޗް 2019 ގައި ހުޅުވުމަށްފަހު، އެ ހިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ދެމުން އަންނަކަން ފާހަގަ ކުރައްވާފަ އެވެ. އަދި ހިދުމަތް ދެމުން އަންނަނީ، ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިހާރު ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައި ވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"ކިހިނެތް" ކެމްޕެއިނަކީ އަމިއްލަ ނަފްސަށް އަޅާލުމުގެ އާދަ އަށެގެންނެވުމާއި އެކަކު އަނެކަކަށް އަޅައިލާ އޯގާތެރި މާހައުލެއް އުފެއްދުމާއި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކާމެދު އޮންނަ ތަފާތުކުރުން ނައްތާލުމަށް ކުރިޔަށްގެންދެވޭ ކެމްޕޭނެކެވެ.

މިކެމްޕޭނަކީ ޔުނިސެފުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކެމްޕޭނެކެވެ. އަދި މިއީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ކެމްޕޭނެކެވެ.

މި ރަސްމިއްޔާތުގައި ނައިބު ފައިސަލް ނަސީމާއި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެޑް އިންޓަރިން މިސްޓަރ ޕައުލޯ ސަސަރާއޯއާއި ވަޒީރުން އަދި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.