ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޕޮލެންޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިރޭ ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފްރާންސުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ފްރާންސުންނެވެ. އެ ޓީމުން މެޗުގެ 13 ވަނަ މިނެޓުގައި ވަނީ ޕޮލެންޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ފްރާންސްގެ މިޑްފީލްޑަރު ޗޫމެނީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ޕޮލެންޑްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ފްރާންސްގެ ޑެމްބެލޭ ވެސް ވަނީ ޕޮލެންޑްގެ ގޯލަށް ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާ ވެސް ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ޕޮލެންޑްގެ އިތުބާރު ފޯވާޑް ލެވަންޑޯސްކީ ވަނީ ފްރާންސްގެ އޭރިއާ ބޭރުގައި ހުރެ ބާރު ބޯޅައެއް ފޮނުވާލާފައެވެ. އެ ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ލީޑު ނަގަން ރަނުގެ ފުރުޞަތެއް ޕޮލެންޑަށް ވަނީ ލިބިގެން ގޮސްފައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޕޮލެންޑްގެ ޒިއެލެންސްކީ ފޮނުވާލި ބާރު ހަމަލާ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް މަތަ ކުރި ނަމަވެސް ދެވަނަ ފަހަރަށް ވެސް އެ ބޯލަ ގޯލަށް ފޮނުވާލަން ޒިއެލެންސްކީއަށް ލިބުނެވެ. އެ ހަމަލާ ފްރާންސްގެ ޑިފެންޑަރުން ބްލޮކްކުރި އިރު ބޮލޮކްވެގެން ނުކުތް ބޯޅަ ލިބުނީ ހުސްކޮށް ހުރި ޕޮލެންޑްގެ ކޭޝްއަށެވެ. ކޭޝް ފޮނުވާލި ހަމަލާ ގޯލުގެ ރޮނގުމަތިން ފްރާންސްގެ ކުޅުންތެރިން ވަނީ ހުއްޓުވާފައެވެ.

މެޗުގައި ފްރާންސުން ލީޑު ނަގާފައި ވަނީ 44 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެމްބާޕޭ ދިން ބޯޅައަކުން އޮލިވަ ޖިރޫޑް ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ލަނޑާއިއެކު އޭނާ ވެފައި ވަނީ ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާއަށެވެ. މިއީ ޖިރޫޑް ފްރާންސް ޓީމަށް ޖަހައިދިން 52 ވަނަ ލަނޑެވެ. މި ލިސްޓްގެ ދެވަނާގައި 51 ލަނޑު ޖަހައިގެން އޮތީ އެ ޓީމްގެ ކުރީގެ ތަރި ތިއެރީ އޮންރީއެވެ.

މެޗުގައި ފްރާންސުން ކާމިޔާބުކުރި ދެވަނަ ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޑެމްބެލޭގެ އެހީތެރިކަމާއި އެކުގައެވެ.

ފްރާންސްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ތުރަމް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް އެމްބާޕޭއެވެ. މި ލަނޑާއިއެކު އޭނާ މި ވޯލްޑް ކަޕްގައި ޖެހި ލަނޑުގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. މިވަގުތު ލަނޑު ލިސްޓްގެ ކުރީގައި އޮތީ އެމްބާޕޭއެވެ.

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޕޮލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ ފްރާންސްގެ ޑިފެންޑަރު ޑޭޔޮޓް އުޕެމަކާނޯގެ އަތުގައި ޖެހިގެން ދިން ޕެނަލްޓީއެކެވެ. ލެވަންޑޯސްކީ ފުރަތަމަ ޕެނަލްޓީ ފޮނުވާލި ނަމަވެސް ފްރާންސް ކީޕަރު ލައިނަށް ވުރެ ކުރިއަށް އަރާ ހުރުމުން އަލުން ރެފްރީ ވަނީ ޕެނަލްޓީ ޖަހަން އަންގައިފައެވެ. އޭރު ލެވަންޑޯސްކީ ޖެހި ޕެނަލްޓީ ކީޕަރު މަތަ ކުރިއެވެ. އަދި ލެވަންޑޯސްކީ ދެވަނަ ފަހަރަށް ޖެހި ޕެނަލްޓީ ވަރަށް ފަސޭހަކަމާ އެކުގައި ވަނީ ގޯލްގެ ތެރެއަށް ވައްދާލައިފައެވެ.

ކުއާޓާ ފައިނަލްގައި ފްރާންސް ނުކުންނާނީ ދެވަނަ ބުރުގައި މިރޭ 00:00 ގައި އިންގްލެންޑާއި ސެނެގާލް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.