ބ. އަތޮޅު ހިބަޅިދޫ އެ އަތޮޅު މާޅޮހު ކައުންސިލްގެ އިޙްތިޞާޞްގައި ހިމަނައިދިނުމަށް މާޅޮހު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އަރިހުގައި މިއަދު ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ވަނީ ބ. މާޅޮހު ކައުންސިލް މެންބަރުންނާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ.

Ad
rt

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި މާޅޮހުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މީގެ ކުރިން، ރައީސް ޞާލިޙް ވައުދުވެވަޑައިގެންނެވި ގޮތަށް އެރަށުގައި ފެނާ ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫއު ފަށައިގެން މިހާރު ކުރިޔަށްދާކަން ފާހަގަ ކުރެއްވިއެވެ. އަދި ފާއިތުވި ސަރުކާރުތަކުން ކުދި ރަށްތަކުގެ ތަރައްޤީ ވަރަށް ބޮޑަށް ދޫކޮށްލާފައިވީ ނަމަވެސް މި ސަރުކާރުން ކުދި ރަށްތަކަށް ވެސް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވަމުންދާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

އެރަށުގެ ތަރައްގީއަށް މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސްއަށް ހިއްސާކުރައްވާފައިވާއިރު، އެގޮތުން، ރަށުގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި ކައުންސިލުން ވަނީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ރައްޔިތުން އެދޭކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިޙްތިސާސްގައި ހިމަނައިދިނުމަށް ވަނީ އެދިފައެވެ. ހިބަޅިދޫ އަކީ މިހާރު ޓޫރިޒަމަށް ކަނޑައަޅާފައިވާ 20.2 ހެކްޓަރުގެ ރަށެކެވެ. މި ބައްދަލުވުމުގައި މާޅޮހު އ.ތ.މ. ކޮމިޓީއިން ވެސް ވަނީ ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިޙްތިޞާޞްގައި ހިމަނައިދެއްވުމަށް އެދި ދަންނަވާފަ އެވެ.

މިބައްދަލުވުމުގައި މާޅޮހު ކައުންސިލަރުން ވަނީ އެރަށު ބަނދަރާއެކީ ރަށްގިރުމުގެ މައްސަލައާއި ދޯނި ފަހަރު އެހެލުމަށް ބޭނުންވާ ސަރަޙައްދެއް ހަމަޖައްސައިދިނުމަށް ވެސް ވަނީ ދަންނަވާފަ އެވެ. އަދި މިސްކިތުގެ ޖާގަ ކުޑަވުުުުމުން ދިމާވާ ދަތިތަކާއި، ދީނީ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، ކުޅިވަރު ކުޅޭނެ ވަސީލަތްތައް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާޅޮހުގެ ތަރައްގީއާ ގުޅޭ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާ ކުރައްވާފަ އެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ސަރުކާރުން ރަށްރަށަށް ތަރައްގީ ގެނައުމުގައި ކައުންސިލްތަކާއެކީ މަޝްވަރާކުރައްވައިގެން ރައްޔިތުން އެންމެ އެދޭގޮތަށް ކަންކަން ކުރިޔަށްގެންދެވޭތޯ މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފަ އެވެ.