ސިޔާސީ ފަރާތްތައް ހިމެނޭ މައްސަލަތަކުގައި ވަކިގޮތަކަށް ބަޔާންދީ، ވަކި ގޮތަކަށް އަމަލުކުރުމަށް ފުލުހުންގެ ބައެއް އިސްވެރިން މަސައްކަތް ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

އެ ޓީމުން މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ މުޅި މައްސަލައިގައި ވެސް ދައުލަތުން ބަރޯސާވެފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ކަމަށެވެ.

Ad
rt

މީގެ އިތުރުން ވަކި ގޮތަކަށް ޔާމީން ފްރޭމްކުރުމަށް ކަންކަން ކުރުމަށާއި އެގޮތަށް ބަޔާންދީފިނަމަ ބައެއް ފަރާތްތަކަށް ދައުވާނުކުރާނެ ކަމަށް ބުނެ، މިފަދަ ކަންތައްތައް ހިނގާފައި އެބަ ހުރި ކަމަށާއި އެފަދަ ބައެއް އޯޑިއޯތައް ވެސް އެބަ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ މައްޗަށް ހިންގި ތަހުގީގުތަކުގައި ވަކިގޮތަކަށް ބަޔާން ދިނުމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު އަންގާ އޯޑިއޯއެއް އެބަ އޮތް." ޝާހު ވިދާޅުވި އެވެ.

ކުށުގަ ތުހުމަތު ކުރެވޭ އެތައް ބަޔަކު ދައުލަތުގެ ތެރޭގައި ތިބިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ މީހުންގެ މައްސަލަ ނުބަލާ ދޫކޮށްލަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ޔާމީންގެ ޝަރީއަތުގެ ހުރި ކަންކަމަށް ބަލާ އިރު، އެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތުނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުކުމާމެދު ފަނޑިޔާރު ނިންމަވާނެ ގޮތެއް އެނގިނުލައްވާ ކަމަށާއި އެހެންނަމަވެސް ފަނޑިޔާރު އަދުލުވެރިވެވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ވ. އާރަށް، ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މިދިޔަ ނޮވެމްބަރު މަހު ގެ 30 ވަނަ ދުވަހު ނިންމާލާފައިވާއިރު، އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ހުކުމް އިއްވަވާނެ ކަމަށެވެ.