ސައުދީން ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ތަރައްގީ ކުރަނީ

36FD2865-3EEC-469B-8BA6-4BCFCF4C15B3

ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަގުބޫލު މަންޒިލަށް ސައުދީ އަރަބިއްޔާ ހެދުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ތަރައްގީ ކުރަން ނިންމައިފިއެވެ.

ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުން ނަން ދޭ މި އެއާޕޯޓު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ވެރިރަށް ރިޔާދުގައެވެ. އެ އެއާޕޯޓުގައި ހަ ރަންވޭ ހަދާއިރު އަހަރެއްގެ ތެރޭގައި 185 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ސައުދީ ސަރުކާރުން މި އެއާޕޯޓް ހަދަން ނިންމާފައިވަނީ މިހާރު ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް ހުރި ތަނުގައެވެ. މި ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކޮށްފައިވަނީ 2050 އަށެވެ. އަދި އެހާތަނަށް އަހަރަކު 3.5 މިލިއަން ޓަނުގެ ކާގޯ އުފުލޭނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.

22 ސްކޮޔާ މައިލްސްގެ ސަރަހައްދެއްގައި ތަރައްގީ ކުރާ މި އެއާޕޯޓުގެ ޑިޒައިން ހަދާނެ ކަމަށް ބެލެވެނީ މަޝްހޫރު އާކިޓެކްޓް ކުންފުނި ފޮސްޓާ + ޕާޓްނާސް އިންނެވެ. އެ ފަރާތްތަކުން ވަނީ އެ އެއާޕޯޓަށް “އެއިރޯޓްރޯޕޮލިސް” ގެ ލަގަބު ދީފައެވެ.

މިހާރުވެސް ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް ހުންނަނީ ސައުދީގައެވެ. އެއީ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓެވެ. އެ އެއާޕޯޓަށްވެސް ވަނީ “އެއިރޯޓްރޯޕޮލިސް” ގެ ލަގަބު ދީފައެވެ.

އަލަށް ތަރައްގީ ކުރާ އެއާޕޯޓާ ގުޅޭގޮތުން ފޮސްޓާ ކުންފުނިން ބުނެފައިވަނީ އެއީ ތަފާތު ޕްރޮޖެކްޓެއް ކަމަށެވެ. އެތަނުގައި ރީޓެއިލް ފިހާރަތައް ހުންނައިރު ރެކްރިއޭޝަނަލް ފެސިލިޓީތައް ގާއިމް ކުރާނެ ކަމަށް ވެސް ބުންޏެވެ.

ސައުދީން ބޭނުންވަނީ މި ޕްރޮޖެކްޓް އެއްކޮށް 2050 އަށް ނިމުނު ނަމަވެސް 2030 އާ ހަމައަށް އަހަރަކު 120 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރު ކުރުމެވެ.

އެއާޕޯޓް ހަދާއިރު ތިމާވެއްޓަށް ބަލައިގެން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ވަނީ ރާވައިފައެވެ. އެގޮތުން، އެއާޕޯޓުގައި އިރުގެ ހަކަތައިން ކަރަންޓް އުފެއްދޭ ގޮތް ހަދާއިރު އެލްއީއީޑީ ޕްލެޓިނަމް ސެޓްފިކެޓް (ލީޑާޝިޕް އިން އެނާޖީ އެންޑް އެންވަޔަރަމަންޓަލް ޑިޒައިން) ހޯދުމަށް ވަނީ ނިންމާފައެވެ.

އެއާޕޯޓު ބޭރުގައި ހުންނާނީ ބިއްލޫރި ޖަހާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *