މާލެ ސަރަހައްދުގައި ދިރުއުޅޭ މީހުން ޕިކްނިކް ދިއުމަށް ސަރުކާރުން ތަރައްގީކުރާ ރަށް ކަމަށްވާ ކުޑަގިރިއަށް ފެރީގެ ހިދުމަތާއި އާއްމު ވިޔަފާރިތައް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފި އެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ކޮށްފައިވާ އިިއުލާނެއްގައި ވަނީ އެރަށުގައި ކެފޭއެއް ހިންގުމާއި، ސްވެނިއަރ ފިހާރައަކާއި އާއްމު ތަކެތި ވިއްކާނެ ފިހާރައެއް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި މޫދު ކުޅިވަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާންކޮށްފައި ވެއެވެ.
މި ކަންކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ޕިކްނިކް އައިލެންޑް، ކުޑަގިރިއަށް ފެރީ ދޯނީގެ ހިދުމަތް ދިނުމަށް ހޯދަނީ، 50 މީހުންނާއި 70 މީހުންގެ ޖާގައިގެ ދެ ފެރީ އާއި 80 މީހުންނާއި 100 މީހުންގެ ޖާގައިގެ ދެ ފެރީ އެވެ.
ފެރީގެ ހިދުމަތް ދޭ ގަޑިތަކެއްގެ ގޮތުގައި އެ ކުންފުނިން ކަނޑައަޅާފައިވަނީ ހެނދުނު، 06:30، 06:50 އަދި 07:10 ގަ އެވެ. އަދި ހަވީރު ފެރީތައް 17:20، 17:40 އަދި 18:00 ގަ އެވެ. ނަމަވެސް ޝެޑިއުލް ފައިނަލް ކުރާއިރު ބަދަލުތަކެއް އައުން އެކަށީގެންވާކަމަށް ވިދާޅުވެ އެވެ.
މި ރަށަށް ލޯންޗުގައި 08 މިނެޓާއި 10 މިނިޓުގެ ތެރޭގައި ދެވޭއިރު، ދޯނި ފެރީގައި ނަގާނީ ގާތްގަޑަކަށް 25 މިނެޓާއި 30 މިނެޓާއި ދެމެދުގެ ވަގުތެއް ކަމަށް ލަފާ ކުރެވެެ އެވެ.
ދަތުރުދިއުމަށް ހާއްސަ ކޮންސެޕްޓަށް ރާއްޖޭގައި ތަރައްޤީކުރި ފުރަތަމަ ރަށް، ކުޑަގިރި ޕިކްނިކް އައިލެންޑާއި ގުޅޭގޮތުން ސަރުކާރުން ވިދާޅުވެފައިވަނީ މިރަށަކީ އެއްފަހަރާ 500 އަށްވުރެ ގިނަ މީހުންނަށް ބޭނުންކުރެވޭނެ ކެޕޭސިޓީގެ ރަށެއް ކަމަށެވެ.
ކުޑަގިރީގައި ފިހާރައާއި ކެފޭގެ ހިދުމަތަށް ބޭނުންވާ އިމާރާތްތައް، ޕްރޮޖެކްޓްގެ ޕްލޭންގެ ތެރެއިން ހަދާފައިވާއިރު، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ސައިޓް ވިޒިޓެއް މި ޑިސެމްބަރު މަހުގެ 5 ވާ ހޯމަ ދުވަހު ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. މި ސައިޓް ވިޒިޓަށް ދިއުމަށް އެޗްޑީސީން މިކަމަށް ކޮށްފައިވާ އިޢުލާންގައިވާ ލިންކުން، ސައިޓް ވިޒިޓަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ޕިކްނިކް އައިލެންޑް މަޝްރޫއުގައި އެ ރަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަދިވެސް ވަމުންދާއިރު، މިރަށް ހުޅުވުމަށް މީގެކުރިން ދެ ތާރީހެއް ކުރިން ވަނީ އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް އަދިވެސް ނުހުޅުވެ އެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑަކީ މާލެ ސަރަޙައްދުން ދަތުރުދާނެ ރަށެއް ތަރައްޤީކޮށްދިނުމަށް، ރައީސް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ތަރައްގީކުރި ރަށެކެވެ.
މިއީ މާލެ ކައިިރީ ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެން ތަރައްޤީކުރި މި ރަށަށް ތަރައްގީކުރުމުގެ އަމަލީ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ.
ޕިކްނިކް އައިލެންޑަކުން ލިބެންވާ ހުރިހާ ހިދުމަތްތަކެއް މިތަނުގައި ޤާއިމުކޮށްފައިވާއިރު، އޭގެ ތެރޭގައި ހަޓުތަކާއި ފާޚާނަބަރިތަކާއި މިސްކިތާއި ޔުޓިލިޓީގެ ހުރިހާ ހިދުމަތްތަކެއް ހިމެނެ އެވެ. އަދި އާއްމު ހިދުމަތް ދޭނެ އެހެނިހެން ފެސިލިޓީތައް ވެސް ގާއިމުކޮށްފައި ވެއެވެ.
މީގެ އިތުރުން މި ރަށް ފެހިކުރުމަށް ގަސް ޖެހުމުގެ ގިނަ މަސައްކަތްތައް ވެސް ވަނީ ނިިމިފަ އެވެ.
ޕިކްނިކް އައިލެންޑްގައި މިހާރު ކުރިއަށްދަނީ ރަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމާއި، ޕްރޮޖެކްޓް ހިންގުމުގެ މަސައްކަތް ކުރަނީ އެޗްޑީސީން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!