ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޖަޕާނާއި ސްޕެއިން ބައްދަލުކުރި މެޗު ޖަޕާނުން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދިއިރު ކޮސްޓަރިކާ އަތުން މޮޅުވި ނަމަވެސް ޖަރުމަނު ކަޓައިފިއެވެ.

ރޭ ގަތަރުގެ އައް ރައްޔާން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަޕާނުން ސްޕެއިންގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި ގްރޫޕުގައި ޖަރުމަނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޖަރުމަނެވެ.

Ad
rt

މި ގްރޫޕްގެ ފަހު މެޗުތަކާއި ކުރިމަތިލީއިރު، ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު ހަތަރު ޓީމަށް ވެސް އޮތެވެ. ޖަޕާން މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށް ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ސްޕެއިނަށް ލިބުނީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކުގައެވެ. ޖަރުމަނަށް ވެސް ތިން މެޗުނަ ހަތަރު ޕޮއިންޓް ހަމަ ކުރެވުނު ނަމަވެސް އެ ޓީމް ކެޓީ ސްޕެއިން ފައިދާ ގޯލް ގިނަވުމުންނެވެ. މި ގްރޫޕުގެ ފުލުގައި އޮތީ ޖަރުމަނު އަތުން ރޭ ބަލިވި ކޮސްޓަރިކާއެވެ. އެ ޓީމަށް ތިން މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

ގްރޫޕް ސްޓޭޖުގައި ޖަޕާނުން ވަނީ އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި ޖަރުމަނު ބަލިކޮށް އެންމެން ސިއްސުވާލާފައެވެ. ޖަޕާނުން ރޭގައި ވެސް ވަނީ ސްޕެއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑުޖަހައި މެޗު ކާމިޔާބުކޮށް އެ މީހުންގެ ހިތްވަރު ދައްކާލާފައެވެ.

ރޭގެ މެޗު ފަށައިގެން ސްޕެއިނުން ޑޮމިނޭޓްކޮށް މެޗުގެ 11 ވަނަ މިނެޓުގައި ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އަޒްޕިލްކުއޭޓާ ޖަޕާންގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ މޮރާޓާއެވެ.

ނަމަވެސް މެޗުގެ 48 ވަނަ މިނެޓުގައި ލަނޑުޖަހައި ޖަޕާނުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ސްޕެއިންގެ ފަހަތުން ހެދުނު ގޯހަކުން ތަނަވަސްވީ ފުރުޞަތުގައި ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ރިޓްސޫ ޑުއާންއެވެ.

ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ޖަޕާނުން ވަނީ ދެވަނަ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ސްޕެއިންގެ ގޯލު ދަނޑި ކައިރިން ބޯޅަ ބޭރުވާން ދަނިކޮށް ޓެކުލް ކުރުމަށް ފަހު މިޓޯމާ ބޯޅަ ގޯލު ކުރިމައްޗަށް ހުރަސްކުރި ވަގުތު އެ ޓީމްގެ ޓަނާކާ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ބޯޅަ ހުރަސްކުރި އިރު އެ ބޯޅަ ބޭރުވެފައިވާ ކަމަށް ބެލެވުނު ނަމަވެސް ވީއޭއާރުން ބެލުމުން ޔަގީންވެފައި ވަނީ ބޯޅަ އެއްކޮށް ލައިން ހުރަސް ނުކުރާކަމެވެ. ވުމާއެކު އެ ލަނޑު ވަނީ ބަލައި ގަނެފައެވެ.

މެޗުގައި ފަހުބައިގައި ވެސް ސްޕެއިންގެ ފަރާތުން ޑޮމިނޭޓް ގޭމެއް ފެނުނު ނަމަވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުޞަތެއް ސްޕެއިނަށް ތަނަވަސް ކުރެވިފައި ނުވެއެވެ.

ރޭ ޖަރުމަނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗުގައި ޖަރުމަނު ފެނުނީ ވަރަށް ބޮޑަށް ޕްރެސްކޮށްގެން އެޓޭކަށް އިސްކަން ދީގެން މެޗު ފެށިތަނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ރައުމް ކޮސްޓަރިކާގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސާޖް ގްނަބްރީ ވަނީ ޖަރުމަނަށް ލީޑު ނަގައި ދީފައެވެ. މި ލަނޑަށް ފަހު ވެސް ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ ގިނަ ހަމަލާތަކެއް ކޮސްޓަރިކާގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފުނިމުނީ މި ނަތީޖާއިންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ކޮސްޓަރިކާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޔެލްސިން ޓެޖޭޑާއެވެ. އެއަށްފަހު މެޗުގެ 70 ވަނަ މިނެޓުގައި ޖަރުމަނު ކީޕަރު ނޯޔާ އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ކޮސްޓަރިކާއަށް މެޗުގައި ލީޑު ލިބިގެން ދިޔައެވެ.

ޖަރުމަނުން އެ ޓީމް ކޮޅަށް މެޗު އަނބުރާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކައި ހަވާޓްޒްގެ ތަފާތު މޮޅު ކުޅުމާއި އެކުގައެވެ. މިގޮތުން ބައިކޮޅަށް ލަނޑު ވަތްތާ ތިން މިނެޓް ފަހުން ހަވާޓްޒް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެއަށް ފަހު މެޗުގެ 85 ވަނަ މިނެޓުގައި ހަވާޓްޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ޖަރުމަނަށް ދެވަނަ ފަހަރަށް ލީޑު ހޯދައި ދީފައެވެ. މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 90 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފުލްކްރޫގްއެވެ.

މި ގްރޫޕުން އެއްވަނަ ހޯދި ޖަޕާން ދެވަނަ ބުރުގައި ވާދަ ކުރަން ޖެހޭނީ ގްރޫޕް އެފް އިން ދެވަނަ ލިބުނު ކްރޮއޭޝިއާއާއެވެ. އެ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރޭ 20:00 ގައެވެ. މި ގްރޫޕުން ދެވަނަ ހޯދި ސްޕެއިން ބައްދަލުކުރަން ޖެހޭނީ ގްރޫޕް އެފްގެ އެއްވަނަ ހޯދި މޮރޮކޯއާއެވެ. އެ މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ 20:00 ގައެވެ.